އަފްރާޝީމްގެ މަރާއި އެމްއެމްޕީއާރްސީ މައްސަލައިގެ ހަގީގަތް ހާމަވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފުލުހުން އިއްޔެވަނީ ވަރަށް ފާހަގަކުރެވޭ ނިންމުމެއް އިއުލާންކޮށްފައެވެ. 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު އަވަހާރަކޮށްލި ރ އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ޑޮކްޓަރ އަފްރާޝީމް އަލީގެ މަރާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދާއި އަހުމަދު ރިޟުވާނުގެ މަރުގެ މައްސަލައިގެ ފައިލް އަލުން ހުޅުވައި އެމަރުތަކުގެ އަޑީގައި ތިބީ ކޮންބައެއްތޯ ދެނެގަތުމަށް ތަހްގީގުތައް އާބާރެއް ލައިގެން އަލުން ފެށުމަށް ނިންމައިފިކަމަށް އާ ޕޮލިސް ކޮމިޝަނަރ އިއްޔެ ވިދާޅުވެފައި ވެއެވެ. މިފައިލްތައް އަލުން މިހުޅުވައިލަނީ އެކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭތީ އިންތިޚާބީ ރައީސްގެ އައު ދައުރު ފެށުމާ ދިމާކޮށެވެ.
މިތިން މަރުގެ ފައިލްތައް އަލުން ހުޅުވައިލުމަކީ އެއާއިލާތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުން ލިބިގެންދާނެކަމެކެވެ. ޔާމީން ރަޝީދާއި ރިޟުވާނަކީ އެމްޑީޕީއަށް ނިސްބަތްވާ ދެމީހުންނަށް ވާތީ މިދެ މަރުގެ ހަގީގަތް އެމްޑީޕީގެ ވެރިކަމުގައި ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރާނެއެވެ.
އަފްރާޝީމުގެ މަރުގެ މައްސަލައިގައި ދިއްކުރެވޭ ތުހުމަތުގެ އިނގިލި
އަފްރާޝީމް އަލީގެ މަރަކީ ވަރަށް ގޮތްގޮތަށް ވާހަކަ ފެތުރޭ މައްސަލައެކެވެ. އަފަރާޝީމު އަވަހާރަކޮށްލުމާއެކު އެކަމުގެ އިނގިލި ފުރަތަމަ ދިއްކުރެވުނީ އެމްޑީޕީއަށެވެ. އެޕާޓީއަށް ނިސްބަތްވި ބައެއް މީހުންގެ ނަންތައް ފުލުހުންގެ ތަހްގީގުގެތެރެއިން މީޑިއާއަށް ތިލަވިއެވެ.
މާލޭގައި ނުފޮރުލާ އެންމެ ގާކޮޅެއްވެސް ނުބާއްވައި ފުލުހުން ހޯދިއެވެ. އެކަމަކު އަފްރާޝީމްގެ ގާތިލު ހުމާމާއި އޭނާގެ ބައިވެރިންނަށް އެހީތެރިވެދިނީ ކޮންބައެއްކަމެއް ހޯދައި ނުގަނެވުނެވެ.
އެމެރިކާގެ އެފްބީއައިގެ ކުޅަދާނަ އެޖެންޓުންނަށްވެސް އެބަޔަކު ފާހަގަކުރެވޭގޮތެއްނުވިއެވެ. ދެން އެތަހްގީގު އޮތް ހިސާބުގައި އޮތްވައި ތުންތުންމަތިން އެހެންނަންތަކެއް ތިލަވާންފެށިއެވެ. އެއްބަޔަކު ކުރީގެ ނާއިބްރައީސް އަދީބުގެ ކަމެކޭ ކިޔައި އަޑުއަރުވައެވެ. އަދި ރައީސް އަބްދުﷲ ޔާމީންއަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރެއެވެ.
ޔާމީނަށް ތުހުމަތުގެ އިނގިލި ދިއްކުރަނީ އެމަނިކުފާނާ ވާދަވެރި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ. ޔޯލަވާހަކަތައް ފެތުރުމުގެ ފާޑުފާޑުގެ ތިޔަރީތަކެއް ހުރެއެވެ.
އެއްތިޔަރީއަކީ ރައީސް މައުމޫން އަފްރާޝީމަށް ޕާޓީގެ ޓިކެޓް ދެއްވަން އުޅުއްވިކަމަށް ދެކެވޭ ވާހަކައެކެވެ. މަރު އައީ އެކަމުގެ ޖެލަސީގަޔޯލައެވެ. މިވާހަކަ ދައްކާއިރު ފުލުހުން ހިންގާފައިވާ ތަހްގީގުގެ އެއްވެސް ހިސާބަކުން ރައީސް އަބްދުﷲ ޔާމީންގެ ނަން އެއްވެސް ވަރަކަށް އައިސްފައެއް ނުވެއެވެ. އެކަން އޭރުގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒަށް އެގިވަޑައިގަންނަވައެވެ. ދެން ވަޑައިގެންނެވި ޕޮލިސް ކޮމިޝަނަރަށްވެސް އެގިވަޑައިގަންނަވައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވާހަކަ ދައްކަނީ އެމްޑީޕީންނެވެ. އެވާހަކަދެއްކުމުގައި ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. ފުލުހުންނަށް އަފްރާޝީމްގެ މައްސަލާގައި ނުފޮރުޅި އޮތް އެއްގާކޮޅު އަދި އެބަ އޮތެވެ. އެއީ މުޅި ކޭސް ފުށުންޖެހިގެންދާނެ ފަދަ ބުރަދަން ހުރި ގާކޮޅެކެވެ.
އަފްރާޝީމް އަވަހާރަކޮށްލައިގެން އުޅުނު ދުވަސްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރާއިގުޅޭ ވަރަށް މުހިއްމު މައުލޫމާތެއް ލިބިވަޑައިގެންނެވިކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ނަޝީދު ވިދާޅުވެފައިވަނީ ބޭރުގެ އެކިއެކި އިންޓެލިޖެންސް ފަރާތްތަކުން އެމަނިކުފާނަށް ލިބިވަޑައިގަތް މައުލޫމާތެކެވެ.
އަފްޜާޝީމް އަވަހާރަކޮށްލުމުގައި އިސްކޮށް ތިބި މީހުން މެދުއިރުމަތީގެ ކޮންމެވެސް ގައުމަކަށް ފުރައިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. މައުލޫމާތު ދިން އިންޓެލިޖެންސް އިދާރާއަކީ ކޮބައިކަމެއް ހާކައެއް ނުކުރައްވައެވެ. ޔޫކޭގެ އެމް.އައި.ފައިވް ނުވަތަ އިންޑިޔަން އިންޓެލިޖެންސް އެޖެންސީއަކީ ޕޮސިބަލް ނަންތަކެކެވެ. 2012 ވަނަ އަހަރުގެ ވެރިކަން ބަދަލުވިއިރު އިންޑިޔާގެ އިންޓެލިޖެންސް މީހުން ވަރަށް ގިނަ އަދަދަކަށް މާލޭގައި ހަރަކާތްތެރިވަމުންދިޔަ ކަމަށް ވެއެވެ.
ތަހްގީގުގެ ކުރިމައްޗަށް އާ ހެކިތަކެއް
ކޮންމެއަކަސް އަފްޜާޝީމްގެ މަރުގެ މައްސަލައިގެ ތަހްގީގުގައި މިފަހަރު ފުލުހުންނަށް ލިބިގެންދާނެ އެންމެ ބޮޑު ކުރިއެރުމަކީ ނަޝީދުގެ ފަރާތްޕުޅުން މިމައުލޫމާތު ފުލުހުންނަށް ތަފްސީލުކޮށް ލިބިވަޑައިގަތުމެވެ. ރައީސް އަބްދުﷲ ޔާމީނަށް ދިއްކުރެވޭ އިނގިއްޔަކީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ މައުލޫމާތެއްގެ ސަބަބުން ފެތުރެމުންދާ ވާހަކަތަކަކަށް ވުމަކީ އެކަށީގެންވާކަމެކެވެ. ކޮންމެއަކަސް ފުލުހުން މިމައްސަލައިގެ ފައިލް އަލުން ހުޅުވާލައިގެން އާ ބާރަކާއެކު އަލުން ފެށުމުން މިހާރު ވަރަށް ބޮޑު އުއްމީދުތަކެއް އެބަ އާކޮށްދެއެވެ.
ދެން އޮތީ ރިޟުވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ. ރިޟުވާނުގެ މައްސަލާގައިވެސް ތުންތުންމަތިން ފަތުރައި މީހުންގެތެރޭގައި ވައިހިއްޕާފައިވާ ވާހަކައެއް އޮވެއެވެ.
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް އެއް އިރެއްގައި އެތުހުމަތު ކުރެވުނެވެ. މިހާރު ބެލެވެނީ އަދީބު ކަމެއްކޮށްފައިވާނަމަ އެކަންކުރަން އަންގާނީ ރައީސް އަބްދުﷲ ޔާމީންކަމަށެވެ. ވާހަކަ އުފައްދާ މީހުން ސަބަބަކަށް ނަގަނީ ރައީސް އަބްދުﷲ ޔާމީނާއި އަދީބުގެ އޮތް ގާތްކަމެވެ.
މިމައްސަލަތަކާއި އަދީބާއި ގުޅުވައިގެން ވާހަކަދައްކާއިރު އެންމެ ބޮޑު އަލިކަމެއް ފެނިގެންދާނެކަމަށް ބެލެވެނީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އަދީބުގެ ލެޕްޓޮޕާއި ފޯންގެތެރެއިންނެވެ. އަދީބު ހައްޔަރުކުރުމުގެ ކުރިން ލެޕްޓޮޕަކާއި ފޯން ނަޝީދަށް ދެއްވާފައިވާކަމަށް ދާދިފަހުން ނަޝީދު ވިދާޅުވެފައި ވެއެވެ. މިކަމުގައި ސުވާލު އުފެދޭ ކަމެއްވެސް އެބައޮތެވެ. އެއީ އަދީބު ހައްޔަރުކުރުމުގެ ކުރިން ވަރަށް ގިނަ މައުލޫމާތު ނަޝީދަށް ފޯރުކޮށްދެއްވާފައިވާތީއެވެ.
އިންޓެލިޖެންސް ސޯސްތަކުން ލިބޭ މައުލޫމާތުތަކަށްބަލާއިރު އަދީބު ހައްޔަރުކުރި ފަހަރު ޗައިނާގައި ހުންނަވާފައި މާލެވަޑައިގަތީ އެއްގޮތަކަށްވެސް ހައްޔަރުކޮށްފާނެކަމަށް އުއްމީދުކޮށްގެންނެއް ނޫނެވެ. އެއީ އެއަށްވުރެ ފުލުހުންނާއި ސިފައިންނަށް އޭނާގެ ނުފޫޒު ފަތުރާފައިވާލެއް ބޮޑުކަމުންނެވެ. އޭނާގެ މައްސަލާގައި ފަހުން ބުރައިގެން އެދިޔައީ ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރެވެ.
އެހެންވީމާ ނަޝީދަށް ލެޕްޓޮމާއި ފޯން ފޮނުވީ ހައްޔަރުކޮށްފާނެކަމަށް ބަލައިގެންކަމަށް ގަބޫލުކުރަން ދައްޗެވެ. އެހެންނޫނަސް ނަޝީދަށް ފޮނުވަންޖެހެނީ ކޮންސަބަބެއް އޮވެގެން ހެއްޔެވެ. ރައީސް ނަޝީދާއި އަދީބަކީ އެފަދަ ރަހުމަތްތެރި ގުޅުންތަކެއް އުފެދިފައިވާ ދެބެފުޅުންކަމަކަށް މިހާތަނަށް މީޑިއާއަކަށް ފާހަގަކުރެވިފައި ނުވެއެވެ.
ލެޕްޓޮޕްގައި އެމްއެމްޕީއާރްސީގެ މައްސަލައިގެ މުހިއްމު މައުލޫމާތުތަކެއް ހުރިކަން ނަޝީދުގެ ވާހަކަފުޅުން އެގެއެވެ. އެމައުލޫމާތު ތަކުގެ އަލީގައި ޔާމީންގެ މައްޗަށް ތަހްގީގު ހިންގެންޖެހޭނެކަމަށް ނަޝީދު ދެކެވަޑައިގަންނަވައެވެ.
އެމަނިކުފާނު ހުންނެވީ އެލެޕްޓޮޕާއި ފޯން ފުލުހުންނަށް ފޯރުކޮށްދެއްވައިގެން ތަހްގީގަށް އެހީތެރިވެދެއްވަންކަމަށް ވިދާޅުވެފައިވެއެވެ. އެމްއެމްޕީއާރްސީގެ މައްސަލަ އެކަންޏެއްނޫނެވެ. ގަބޫލުކުރެވޭގޮތުން ރިޟްވާންގެ މަރާއި އަދީބާ ގުޅުމެއްވާނަމަ މި ލެޕްޓޮޕާއި ފޯނުން ފުލުހުންނަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް ލިބޭނެއެވެ. އާއިލާއިން އެދިގެންވެސް އަދީބުގެ ފަރާތުން މަރުތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަވެފައެއް ނުވެއެވެ. މަރުގެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހްގީގަކުން ރައީސް އަބްދުﷲ ޔާމީނާއި މިދެމަރާއި އެއްވެސް ގުޅުމެއް އޮތްކަމަކަށްވެސް އަދި ނުދައްކައެވެ. ދެން އެހެންވެއްޖިއްޔާ މަރުގެ މައްސަލައެއް އެހެން ދޮގުހަދައިގެން ދައްކަންވީ ކީއްވެހެއްޔެވެ. އިސްލާމީ ޢިލްމުވެރިން ވިދާޅުވާގޮތުން އެފަދަ ދޮގުވާހަކައެއް މީހަކާއިބެހޭގޮތުން ދައްކައިފިއްޔާ އެވާހަކަ ދެއްކިމީހާ ﷲ ގެ ހަޟްރަތުގައި މީހަކު ގަތުލް ކުރުން ފަދައެވެ.
ކޮންމެއަކަސް ފުލުހުން މިމައްސަލަތަކުގެ ފައިލް ހުޅުވާއިރު ފެންމަތިވެފައި އަދި ހުރި ހަމަ އެކަނި އާކަމަކީ އަފްރާޝީމްގެ މަރާއިގުޅޭގޮތުން ނަޝީދަށް ލިބިވަޑައިގެންފައިވާ އިންޓެލިޖެންސް މައުލޫމާތާއި އަދީބުގެ ލެޕްޓޮޕާއި ފޯންއެވެ. ފުލުހުން ރައީސް ނަޝީދާއި އަދި ސުވާލުކުރިކަމެއް ނޭނގެއެވެ. އުއްމީދު ކުރެވެނީ ފުލުހުން މިފަހަރު ހިންގާ ތަހްގީގުން މިމަރުތަކުގެ އަޑީގައި ތިބި ބަޔަކީ ކޮބައިކަން އެނގި އެމީހުންގެ މައްޗަށް އިންސާފު ގާއިމު ކުރެވޭނެކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް