ރާއްޖޭގެ ފުރަތަމަ ސުޕައެޕް އީޒެޕްގެ މީޑިއާ އަދި އެޑްވަޓައިޒިންގ ޕާޓްނަރަކަށް "ވޮއިސް"
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތަފާތު ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ މަގުބޫލު ސުޕަ އެޕްލިކޭޝަން "އީޒެޕް" ގެ މީޑިއާ އަދި އެޑްވަޓައިޒިންގ ޕާޓްނަރަކަށް އޮންލައިން ނޫސް "ވޮއިސް" ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އީޒެޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުޙައްމަދު މިއުޝާދު ތައުފީޤެވެ. އަދި "ވޮއިސް" ގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ އެގްޒެކެޓިވް ފާޠިމަތު އީނާއެވެ.
މި އެއްބަސްވުމުގެ ދަށުން އީޒެޕުން ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކާއި ޚިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އިޝްތިހާރު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ވޮއިސްއާ ގުޅިގެންނެވެ.
އީޒެޕަކީ ކާބޯތަކެއްޗާއި، ގްރޮސަރީ، ސައިކަލް ޓެކްސީ އަދި ވިޔަފާރީގެ ތަފާތު އެތައް ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ޑިޖިޓަލްކޮށް ފޯރުކޮށްދޭ ސުޕަ އެޕްލިކޭޝަނެކެވެ. އީޒެޕުން މައުލޫމާތު ދޭ ގޮތުގައި، އެ އެޕް މެދުވެރިކޮށް ޝޮޕިންގްގެ ޚިދުމަތް ތައާރަފްކުރި ފަހުން، އެ ކުންފުނި މިހާރު މިސްރާބު ޖަހާފައިވަނީ ފުރިހަމަ އީ-ކޮމާސް ޕްލެޓްފޯމަކަށް ބަދަލުވުމަށެވެ.
އެގޮތުން، ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރާ ލިޔުންތެރިންނާއި މުސައްނިފުންގެ ފޮތްތައް ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކޮށްދިނުމަށްޓަކައި، "ފިޖިޓަލް" ބުކްސްޓޯރެއް ވެސް އީޒެޕުން މިހާރު ވަނީ ރަސްމީކޮށް ތައާރަފްކޮށްފައެވެ.
އީޒެޕުން މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ލުއިފަސޭހަކަން ގެނެސްދީ، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް