ޗައިނާއަށް ބާރުގަދަ ބިންހެލުމެއް؛ 16 މީހުން މަރުވެ އަނިޔާވި މީހުންގެ އަދަދު 65 އަށް އަރައިފި
ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޓިބެޓް ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ޒަޚަމްވި މީހުންގެ އަދަދު 65 އަށް އަރައިފިއެވެ. މި ހާދިސާގައި މިހާތަނަށް 16 މީހުން ވަނީ މަރުވެފައެވެ.
ރެކްޓާ މިންގަނޑުން 7.0 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ މަރުކަޒަކީ އުސް ފަރުބަދަމަތީގެ އަވަށެއް ކަމަށްވާ ނަގްޗޫ އެވެ. މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން ޗައިނާއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
ހާލަތު ބަލައި، ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޓްރެފިކް އަދި ކޮމިއުނިޓީ ޕޮލިހުން ހިމެނޭހެން 300 އަށްވުރެ ގިނަ ފުލުހުން އެ ސަރަޙައްދަށް ފޮނުވާފައިވާ ކަމަށް ނަގްޗޫ ޕޮލިސް ޑިޕާޓްމަންޓުން މައުލޫމާތު ދެއެވެ. ފުލުހުން ދަނީ ގެދޮރަށް ލިބިފައިވާ ގެއްލުންތައް ބަލައި، ރައްޔިތުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ މީހުން ވަނީ އިމާރާތްތަކުން ނުކުމެ މަގުމަތީގައާއި ކާރުތަކުގައި ހިޔާވަހިކަން ހޯދާފައެވެ.
ޗައިނާގެ އާތުކުއޭކް ނެޓްވޯކްސް ސެންޓަރުން ބުނެފައިވަނީ، މި ބިންހެލުމަށްފަހު އެ ސަރަޙައްދަށް 413 އާފްޓާޝޮކް (ލޮޅުން) އައިސްފައިވާ ކަމަށެވެ.
މީގެ ކުރިން 2010 ވަނަ އަހަރު، ޗިންހާއީ ޕްރޮވިންސަށް އައި 7.1 ގެ ބާރުގަދަ ބިންހެލުމެއްގައި 2،698 އަށްވުރެ ގިނަ މީހުން މަރުވެ، 300 އެއްހާ މީހުން ގެއްލިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް