ކަރުދާސް ހޮޅިތައް ޕްލާސްޓިކް ހޮޅިތަކަށްވުރެ 6.33 ގުނަ ނުރައްކާތެރި: ދިރާސާ
ސައުތު ކޮރެއާ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކުރިއަށްގެންދިޔަ ދިރާސާއަކުން، ކަރުދާސް ހޮޅި އުފެއްދުމާއި، ބޭނުންކުރުމާއި، އަދި ނައްތާލުމުގެ މަރުހަލާތަކަށް ބަލާއިރު ކެންސަރަށް މަގުފަހިކުރުމުގެ ފުރުސަތު އާދައިގެ ޕްލާސްޓިކް ހޮޅިއަށްވުރެ 6.33 ގުނަ އިތުރުކަމަށް ހާމަވެއްޖެއެވެ.
މި ދިރާސާއަކީ ސައުތު ކޮރެއާގެ މިނިސްޓްރީ އޮފް ކްލައިމެޓް، އެނާޖީ އެންޑް އެންވަޔަރަންމަންޓްގެ އެދުމުގެ މަތިން ކުރިއަށްގެންގޮސް، ޕީޕަލް ޕަވަރ ޕާޓީގެ ރެޕްރެޒެންޓެޓިވް ކިމް ވި-ސަންގް ހާމަކުރައްވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ހަތަރު ބާވަތެއްގެ ހޮޅިއެއްގެ ތިމާވެށީގެ އަސަރުތައް ވަނީ ފާހަގަކޮށްފައެވެ.
މި ދިރާސާގައި ރޯ މެޓީރިއަލް އުފެއްދުމުން ފެށިގެން ނައްތާލުމާ ހަމައަށް 16 ދާއިރާއަކުން ތިމާވެށްޓަށް ކުރާ އަސަރުތައް ވަނީ ހިމަނާފައެވެ. އިންސާނުންނަށް ކެންސަރު ޖެހުމަށް މަގުފަހިވާ އަސަރުތަކުގެ އަދަދަކީ ހޮޅި ބޭނުންކުރާ މީހުންނަށް ސީދާ ކެންސަރު ޖެހުމުގެ ނުރައްކާ އޮތްވަރު އެކަނި ބެލި ބެލުމެއް ނޫނެވެ. އޭގެ އިތުރުން، އާދައިގެ ޕްލާސްޓިކް ހޮޅިއާ އަޅާބަލާއިރު، ކަރުދާސް ހޮޅިން އެސިޑިފިކޭޝަން ނުވަތަ ތިމާވެށި އެސިޑްވުމަށް ކުރާ އަސަރު 2.04 ގުނަ އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ.
އެހެން ބާވަތްތަކުގެ ހޮޅިއަށް ބަލާއިރު، ބައޯ-ޕީއީ ހޮޅިން އިންސާނުންގެ ސިއްހަތަށް ކެންސަރުގެ ނުރައްކާ ކުރާ މިންވަރު 16.18 ގުނަ އިތުރުވެފައި، އެސިޑިފިކޭޝަން އަސަރު 5.9 ގުނަ އިތުރުކަމަށް ދިރާސާއިން ދައްކައެވެ. އަދި ބައޯޑީގްރޭޑަބަލް ޕްލާސްޓިކް ހޮޅީގެ ކޭންސަރު ނުރައްކާ 3.34 ގުނަ އިތުރުއިރު، އެސިޑިފިކޭޝަން އަސަރު އުޅެނީ 1.98 ގުނައިގައެވެ. ދިރާސާ ކުރެވުނު 16 ދާއިރާގެ ތެރެއިން ދޫކުރާ މޫސުމީ ބަދަލުތަކާއި، އެސިޑިފިކޭޝަން އަދި އިންސާނުންގެ ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނޭ ގޮތަށް 10 ދާއިރާއަކުން އެންމެ ކުޑަ ނޭދެވޭ އަސަރެއް ކޮށްފައިވަނީ އާދައިގެ ޕްލާސްޓިކް ހޮޅިންނެވެ.
ކަރުދާސް ހޮޅިއަކީ ރީސައިކަލް ކުރެވޭ އެއްޗެއްގެ ގޮތުގައި އިޝްތިހާރު ކުރެވުނު ނަމަވެސް، އަމަލީ ގޮތުން ކޮންމެ މެޓީރިއަލްއެއްގެ ހޮޅިވެސް ރީސައިކަލް ކުރުމަކީ ދަތިކަމެއްކަން ދިރާސާއިން ވަނީ ހާމަވެފައެވެ. ސަބަބަކީ ހޮޅީގެ ސައިޒު ކުޑަވުމުގެ ސަބަބުން ކުނި ވަކިކުރާ މަރުކަޒުތަކަށް އެތަކެތި ވަކިކުރަން އުނދަގޫވުމާއި، އޭގައި ބޭނުންކުރާ ކޯޓިންގް އަދި ކަންނޭލުގެ ސަބަބުން ރީސައިކަލް ކުރުމަށް ހުރަސްއެޅޭތީއެވެ. ސަރުކާރުން ނޮވެމްބަރު 2022 ގައި ޕްލާސްޓިކް ހޮޅި ބޭނުންކުރުން މަނާކުރި ނަމަވެސް، އާންމުންގެ ޝަކުވާތަކާ ހުރެ ނޮވެމްބަރު 2023 ގައި އެ ގަވާއިދު ތަންފީޒުކުރުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.
މި ރިޕޯޓުގައި ހިމެނޭ 1,001 މީހުންގެ ސާވޭއަކުން ދައްކާގޮތުގައި 87.5 އިންސައްތަ މީހުން އިސްކަންދެނީ ޕްލާސްޓިކް ހޮޅިއަށެވެ. އަދި 54.4 އިންސައްތަ މީހުން ތާއީދުކުރީ ކަސްޓަމަރުން އެދުމުން އެކަނި ހޮޅި ދިނުމުގެ ސިޔާސަތަށެވެ. މި ދިރާސާ ކުރި ފަރާތްތަކުން އިރުޝާދު ދީފައިވަނީ ފިހާރަތަކުންނާއި ކެފޭތަކުން އާންމު އުސޫލުން އެއްވެސް ބާވަތެއްގެ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ހޮޅިއެއް ނުދިނުމަށާއި، ހޮޅި ދޭންވާނީ ކަސްޓަމަރުން އެދޭ ހާލަތްތަކުގައި އެކަނި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް