ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ވެރިފައިކޮށް ނިމި، އެ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓު ބެލޭނެ ގޮތް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހަމަޖައްސައިފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި ދޫކުރުމަށް ހަމަޖެހިފައިވާ މި ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅި ފޯމުތައް ސައްހަކަން ކަށަވަރުކޮށްފައިވަނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެހެންކަމުން، މި ހައުސިންގ ޔުނިޓުތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) އަށް ލޮގިންވުމުން، އެ ފަރާތަކުން ހުށަހެޅި ފޯމަށް ލިބިފައިވާ ޖުމްލަ ޕޮއިންޓުގެ ތަފްސީލު މިހާރު ފެންނަން ހުންނާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ލިބިފައިވާ ޕޮއިންޓާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެންވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، އެކަން ކުރަންވާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތަކީ 10 ނޮވެމްބަރު 2026 ގެ ކުރިންނެވެ. ހިޔާވެހި ޕޯޓަލް ނޫން އެހެން ވަސީލަތަކުން ހުށަހަޅާ ޝަކުވާތަކާއި، ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 4004900 އަށް ގުޅުއްވުމަށް ހައުސިންގ މިނިސްޓްރީން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް