ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި
ލ. ކައްދޫގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވައި، މީހަކު މަރުވެ އަނެކަކަށް އަނިޔާވި މައްސަލައިގައި، ލ. ފޮނަދޫ/ ހޯރަވިލާ، މުޙައްމަދު ނައުސާންގެ މައްޗަށް އިއްޔެ ހުކުމް އިއްވައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ 19:18 ހާއިރު، ލ. ކައްދޫގައެވެ. ނައުސާން ލައިސަންސް ނެތި، އިތުރު މީހަކު ސައިކަލުގެ ފަހަތަށް އަރުވައިގެން ލާމު ލިންކް ރޯޑުން ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް، މަގު ހުރަސްކުރަމުން ދިޔަ ދެ މީހެއްގެ ގައިގައި ސައިކަލުން ޖެހުނެވެ.
މި އެކްސިޑެންޓުގައި ސައިކަލުން ޖެހުނު ލ. މާވަށް/ އެތުމާ، މަރްޔަމް މޫސާ އަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް، އެ ރޭ 22:12 ހާއިރު ވަނީ ނިޔާވެފައެވެ. އަދި އއ. ހިމަންދޫ/ ގަލްފް، ޢަބްދުއްސަލާމް ޙުސައިންއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
މުޙައްމަދު ނައުސާންގެ މައްޗަށް ދައުލަތުން ވަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއެއް އުފުލާފައެވެ. މި ދެ މައްސަލަވެސް ބަލާފައިވަނީ ވަކިވަކި މައްސަލައެއް ގޮތުގައެވެ.
މަރްޔަމް މޫސާ މަރުވި މައްސަލައިގައި ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.
މީގެ އިތުރުން، ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 1,000,000 (އެއް މިލިއަން) ރުފިޔާ 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް ވަނީ ޙުކުމްކޮށފައެވެ.
ޢަބްދުއްސަލާމް ޙުސައިންއަށް އަނިޔާވި މައްސަލައިގައި ވެސް ނައުސާން އިޢުތިރާފުވެފައިވާތީ، އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް