އެފްއޭއެމް ޓާފް ގްރައުންޑް 1 ގައި އައު ޓާފެއް އެޅުމުގެ މަސައްކަތް ފަށައިފި
މާލޭގައި ފުޓުބޯޅަ ކުޅުމަށްޓަކައި އެންމެ ގިނައިން ބޭނުންކުރަމުން އަންނަ އެއް ދަނޑު ކަމަށްވާ، އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކޮށް އައު ކުރުމުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށާފައިފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ އެވެ. ދަނޑުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޓާފް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެފްއޭއެމްއިން ލަފާކުރެވެއެވެ.
މި މަސައްކަތަށް ބޭނުންވާ އައު ޓާފާއި އެހެނިހެން އަސާސީ ތަކެތި ފޯރުކޮށްދީފައިވަނީ ކަމާބެހޭ މިނިސްޓްރީގެ ފަރާތުންނެވެ. މި ތަކެއްޗާއެކު އާރްޑީސީން އަންނަނީ މި މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދަމުންނެވެ.
މި ދަނޑުގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. އެއަށްފަހު ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް ޓާފް ބަދަލުކުރެވިފައި ނުވުމުގެ ސަބަބުން، ދަނޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެ ހަލާކުވެފައެވެ.
ދަނޑު ގިނަ ދުވަސްވެ ހަލާކުވުމުގެ ސަބަބުން، އެ ދަނޑު ބޭނުންކުރާ ޒުވާން ކުޅުންތެރިންނާއި ކުލަބު ޓީމުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ނަމަވެސް، މި ގެންދެވޭ ބަދަލާއެކު މި ހުރިހާ ދަތިތަކަކަށް ހައްލެއް ލިބި، ކުޅުންތެރިންނަށް ރައްކާތެރި އަދި ފަސޭހަ މާހައުލެއްގައި ކުޅެވޭނެ މަގު ފަހިވެގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް