'މޯލްޑިވްސް އެކްސްޕޯ 2026' ގެ ހަވާސާގައި ބޭއްވުނު 'ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް' ގައި ރައީސް ވާހަކަދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް
'މޯލްޑިވްސް އެކްސްޕޯ 2026' ގެ ހަވާސާގައި ބޭއްވުނު 'ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް' ގައި ރައީސް ވާހަކަދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު 28 Oct 2026 | 05:25

ރާއްޖޭގެ ވިޔަފާރިތަކާއެކު ޕާޓްނާޝިޕް ހެދުމަށް ޗައިނާގެ ކުންފުނިތަކަށް ރައީސް ޑރ. މުއިއްޒުގެ ދަޢުވަތެއް

ދިވެހިރާއްޖޭގެ ވިޔަފާރިތަކާ ގުޅިގެން ޒަމާނީ ޕްރޮސެސިންގ، ސަޕްލައި ޗެއިން، މުދާ ބެހުމާއި މާކެޓަށް ވާސިލުވުމުގެ ދާއިރާއިން މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަޢުވަތު އެރުއްވީ 'މޯލްޑިވްސް އެކްސްޕޯ 2026' ގެ ހަވާސާގައި ބޭއްވުނު 'ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް' ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތަކާއި ޚިދުމަތްތަކަށް، ޚާއްޞަކޮށް ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތަކާއި، އަތްތެރި މަސައްކަތްތަކުގެ އިތުރުން އެކި ކަހަލަ ޚިދުމަތްތަކަށް ޗައިނާގެ މާކެޓުގައި ބޮޑު ފުރުޞަތެއް އެބައޮތް ކަމަށެވެ.

"ޒަމާނީ ޕްރޮސެސިންގ، ސަޕްލައި ޗެއިން، ޑިސްޓްރިބިއުޝަން އަދި މާކެޓަށް ވާސިލުވުމުގެ ދާއިރާއިން ރާއްޖޭގެ ވިޔަފާރިތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާގެ ވިޔަފާރިތަކަށް އަޅުގަނޑު ދަޢުވަތު އަރުވަން،"

ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އަމާޒަކީ ބައިނަލްއަޤްވާމީ ވިޔަފާރީގައި ހަމައެކަނި ބައިވެރިވުން ނޫން ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ވާދަކޮށް ކާމިޔާބު ހޯދޭނެ ފަދަ ވިޔަފާރިތަކެއް ރާއްޖޭގައި ބިނާކުރުން ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތަކަކީ ބައިނަލްއަޤްވާމީ ވިޔަފާރީގައި ހަމައެކަނި ބައިވެރިވާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ ވިޔަފާރިތަކާ ވާދަކޮށް ކާމިޔާބު ހޯދާ ބަޔަކަށް ވާން،" ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު

އަދި މި ލަނޑުދަނޑި ޙާޞިލުކުރުމުގައި ޗައިނާއަކީ މުހިންމު ބައިވެރިއަކަށް ވެވިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން ބަދަހިވަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓާ ގުޅި، ވާދަކުރުމުގެ ވަރުގަދަ ފުރުޞަތެއް ދިވެހި ވިޔަފާރިތަކަށް ފަހިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ހާމަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް، ރާއްޖެއިން ވަނީ ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 124 މިލިއަން ޑޮލަރުގެ މުދާ—އެއީ ޖުމްލަ އެތެރެކުރި މުދަލުގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް—އެތެރެކޮށްފައިވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ.

މި ނަތީޖާއަކީ އުންމީދީ ނަތީޖާއެއްގެ ގޮތުގައި ސިފަކުރައްވަމުން، އިޤްތިޞާދީ އެއްބާރުލުން ހަމައެކަނި ވިޔަފާރީގެ ޢަދަދުތައް އިތުރުކުރުމަށްވުރެ ފުޅާވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެންގެ އަމާޒު ވިޔަފާރީގެ މިންވަރު އިތުރުކުރުމަށްވުރެ ފުޅާވާންޖެހޭ. އަޅުގަނޑުމެން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، އަދި އިޤްތިޞާދީ އެއްބާރުލުމުގެ ފައިދާ މުޅި ރާއްޖޭގެ މުޖުތަމަޢުތަކަށް ލިބޭނެކަން ކަށަވަރުކުރަންޖެހޭ،" .

ރައީސް މުޢިއްޒު

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ޤައުމުގެ ދެމެދުގައި ކަނޑުމަގުން ކުރެވުނު ވިޔަފާރިއާއި ރައްޔިތުންގެ މެދުގައި އޮތް ގުޅުމަށް ޤަރުނުތަކެއް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން މިއަދު ވަނީ އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕަކަށް ބަދަލުވެފައި ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި ފޯރަމް އިންތިޒާމުކޮށް ދެ ޤައުމުގެ ވިޔަފާރިވެރިން އެއްތަނަކަށް ގެނައުމުގައި ޗައިނާ އެމްބަސީންނާއި ކަމާގުޅޭ ފަރާތްތަކުން ކުރެއްވި މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ދެ ދަތުރުފުޅު ހަނދުމަފުޅު އާކުރައްވަމުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެމިތިއްބެވިކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ.

"ރައީސް ޝީއާއެކު އޮތް ގާތް ރަޙްމަތްތެރިކަމާއި، އަޅުގަނޑުމެންގެ ގުޅުން ބަދަހިކުރެއްވުމަށް އެމަނިކުފާނު ބަހައްޓަވާ އަހައްމިއްޔަތުކަން އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގަންނަން،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް، ގްލޯބަލް ސެކިއުރިޓީ، ގްލޯބަލް ސިވިލައިޒޭޝަން އަދި ގްލޯބަލް ގަވަރނަންސް އިނިޝިއޭޓިވްތަކަށް ތާރީފު ކުރައްވަމުން، މިއީ އެއްބާރުލުމާއި، ޞުލްޙައާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭ ކަންކަން ކަމަށާއި، މިއީ ފާގަތި އަދި ވިލުންވެރި ޤައުމެއް ބިނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާ އެއްގޮތް އިސްނެގުންތަކެއް ކަމަށް ވިދާޅުވިއެވެ.

ޚާރިޖީ ގުޅުންތަކުގެ ޙަޤީޤީ ނަތީޖާ ފެންނަންވާނީ އިޤްތިޞާދީ ފުރުޞަތުތަކުގެ ޒަރީޢާއިން ކަމަށް ބާރުއަޅުއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދެމެހެއްޓެނިވި ގުޅުމެއްގެ ކާމިޔާބީ މިނެކިރޭނީ ރައްޔިތުންނަށް ލިބޭ ޢަމަލީ މަންފާއިން ކަމަށެވެ.

"ޕާޓްނަރޝިޕެއްގެ ޙަޤީޤީ މިންގަނޑަކީ އަޅުގަނޑުމެން ކުރާ އިޢުލާނުތަކެއް ނޫން. އެއީ އަޅުގަނޑުމެން ފަހިކޮށްދޭ ފުރުޞަތުތަކާއި، އަޅުގަނޑުމެން ރަނގަޅުކޮށްދޭ ދިރިއުޅުމާއި، އަދި އެކުގައި އަޅުގަނޑުމެން ބިނާކުރާ މުސްތަޤްބަލް،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.