ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓޭޝަން އެމްއެފްއެލްސީއަށް ލިބުން
ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓޭޝަން އެމްއެފްއެލްސީއަށް ލިބުން
ވިޔަފާރި 28 Oct 2026 | 15:44

ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓޭޝަން އެމްއެފްއެލްސީއަށް ލިބިއްޖެ

މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) ގެ ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީއެއްގެ ގޮތުގައި އެކްރެޑިޓޭޝަން ލިބިއްޖެ އެވެ.

މި ކާމިޔާބީ އެ ކުންފުންޏަށް ލިބިފައި މިވަނީ އެ ކުންފުނީގެ ހިދުމަތަށް 25 އަހަރު ފުރުން ފާހަގަކުރަމުންދާ ދަނޑިވަޅުގަ އެވެ.

ޖީސީއެފްގެ ބޯޑުން އެމްއެފްއެލްސީގެ އެކްރެޑިޓޭޝަން އެޕްލިކޭޝަން ފާސްކޮށްދިނުމާ ގުޅިގެން، އެ ކުންފުނި ވެގެން ގޮސްފައިވަނީ މަލްޓިލެޓަރަލް ކްލައިމެޓް ފަންޑަކުން ރާއްޖެއަށް ސީދާ އެހީ ހޯދުމުގެ ފުރުސަތު (ޑައިރެކްޓް އެކްސެސް) ލިބުނު ރާއްޖޭގެ އެންމެ ފުރަތަމަ އިދާރާއަށެވެ. މިއީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ރާއްޖެއަށް ލިބިގެންދިޔަ ތާރީހީ ކުރިއެރުމެކެވެ.

މި ކާމިޔާބީއާ ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ ކަންކަމަށް ޚާއްސަ މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަށް އެމްއެފްއެލްސީއާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދުކުރާ ކަމަށެވެ.

އެމްއެފްއެލްސީގެ މި ފިޔަވަޅުގެ ސަބަބުން، ބައިނަލްއަގުވާމީ އެހީދޭ އެހެން ފަރާތްތަކެއް މެދުވެރިނުކޮށް، ސީދާ ޖީސީއެފް އިން ރާއްޖެއަށް މާލީ އެހީތެރިކަން ލިބި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޮޑު މަގެއް ފަހިވެގެންދާނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް