އުފެއްދުންތެރީންގެ މައުރަޒު: ތިން ރޭ މަތީން ލައްކައަކަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި
ދިވެހިންގެ އީޖާދީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ހިމެނޭހެން، ދިވެހިރާއްޖޭގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު މައުރަޒު "މޯލްޑިވްސް އެކްސްޕޯ 2026" ގެ ފުރަތަމަ ތިން ރޭ ލައްކައަކަށް ވުރެ ގިނަ މީހުން ޒިރާޔަތްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ދިވެހި އުފެއްދުންތެރީންގެ މައުރަޒަށް ފުރަތަމަ ތިން ރޭ 110,000 ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. މިދިޔަ ތިން ރޭ އަދި މައުރަޒުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް އޭގެ ކުރީ ރޭ ބޭއްވި ބައްދަލްވުމުގައި ވެސް ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސް ވަނީ އުފެއްދުންތެރީންނާ ބައްދަލުކުރެއްވުމުގައި 11 ގަޑިއިރު ހޭދަ ކުރައްވާފައި ކަމަށެވެ.
ދިވެހިރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒަކީ މިއީ މީގެ ކުރިން ނުބާއްވާ ފަދަ ފުޅާ ދާއިރާއެއްގައި ބާއްވާ މައުރަޒެކެވެ. އެގޮތުން މިދިޔަ އަހަރު މި މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު 430 އަށް ވަނީ އިތުރުވެފައެވެ. މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުގެ އަދަދު 4،400 އަށްވުރެ މައްޗަށް އަރާއިރު، މައުރަޒު ބަހާލެވިފައިވާ ޑިސްޓްރިކްޓްތަކުގެ އަދަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު، 5 އިން 7 އަށް ވަނީ އިތުރުކުރެވިފައެވެ.
މިއަހަރު މައުރަޒުގައި އަލަށް ގާއިމުކޮށްފައިވާ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވިފައިވާ ފަހި ފުރުސަތެކެވެ. މިއަހަރު އަލަށް ގާއިމުކުރެވުނު އިންޓަނޭޝަނަލް ޑިސްޓްރިކްޓުގައި މިވަގުތު ދިވެހިރާއްޖެއިން މިނިވަން ވިޔަފާރީގެ އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މުޅި ސެންޓްރަލް ޕާކު އެއްކޮށް މައުރަޒަށް ޚާއްޞަކޮށްގެން މިއަހަރު ބާއްވާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްގެންދާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް