ވޯޓާސް ލިސްޓްގައި ސޮއިކޮށްފައިވަނީ 120 ކެނޑިޑޭޓުން - އީސީ
ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ވޯޓާސް ލިސްޓްގައި ސޮއިކޮށްފައިވަނީ 120 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވޯޓާސް ލިސްޓްގައި ސޮއި ނުކުރާ ކެނޑިޑޭޓުންނަށް މާދަމާގެ މެންދުރު 14:30 ހަމަޔަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި ހުރިހާ ކެނޑިޑޭޓުންވެސް ލިސްޓްގައި ސޮއިކުރުމަށް ސަމާލުވުމަށް ޝަރީފުވަނީ އެދިވަޑައިގަންނަވާފައެވެ.
ފާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ވޯޓާސް ލިސްޓުގައި ސޮއިކޮށްފައިވާ ކެނޑިޑޭޓުންގެ އަދަދު ހާމަކުރައްވާ ޝަރީފު ވިދާޅުވެފައިވަނީ މަޖިލީހުގެ އަށްޑިހަ ފަސް ދާއިރާއަކަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިވަނީ 35 ކެނޑިޑޭޓުން ކަމަށެވެ. ޕީޕީއެމްގެ ފަރާތުން 24 ދާއރިާއަލުން ވާދަކޮށްފައިވާއިރު ކެނޑިޑޭޓުންގެ ލިސްޓްގައި ސޮއިކޮށްފައިވަނީ 7 ކެނޑިޑޭޓުން ކަމަށާއި އަދި ޕީއެންސީގެ 22 ކެނޑިޑޭޓުންގެ ތެރެއިން ކެނޑިޑޭޓުންގެ ލިސްޓުގައި ސޮއިކޮށްފައިވަނީ ހަތް ކެނޑިޑޭޓުން ކަަމަށްވެސް ޝަރީފުގެ ޓްވިޓާރގައި ހާމަކުރައްވާފައި ވެއެވެ.
ޖުމްހޫރީ ޕާޓީއާއެކު 41 ކެނޑިޑޭޓުން ވާދަކުރައްވާފައިވާއިރު އެތަނުން ވޯޓާސް ލިސްޓްގައި ސޮއި ކޮށްފައިވަނީ ދިހަ ކެނޑިޑޭޓުންނެވެ. އަދާލަތުގެ ނުވަ ކެނޑިޑޭޓުންގެ ތެރެއިން ހަތަރު ކެނޑިޑޭޓަކު ވަނީ ވޯޓާސްލިސްޓްގައި ސޮއިކޮށްފައެވެ.
ލޭބަރ ޕާޓީން ދިހަ ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު އެ ޕާޓީގެ ފަރާތުން ވޯޓާރސް ލިސްޓްގައި ސޮއިކޮށްފައިވަނީ އެންމެ ދެ ކެނޑިޑޭޓުން ކަމަށް ޝަރީފުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ. އަދި އެމްޓީޑީން ވާދަކުރަން ނިންމާފައިވާ އެއްވެސް ކެނޑިޑޭޓަކުން އަދި ވޯޓާސް ލިސްޓްގައި ސޮއިކޮށްފައިނުވާކަމަށްވެސް ޝަރީފު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އެމްޑީއޭއިން ވާދަކުރާ އަށް ކެނޑިޑޭޓުން ވެސް ވޯޓާރސް ލިސްޓުގައި ސޮއިކޮށްފައިވާއިރު، ޑީއާރުޕީން ވާދަކުރާ އެއްވެސް ކެނޑިޑޭޓަކު ވޯޓާރސް ލިސްޓްގައި ސޮއިކޮށްފައި ނުވެއެވެ. އަަދި އަމިއްލަ ގޮތުން ވާދަކުރާ 174 ކެނޑިޑޭޓުންގެ ތެރެއިން ވޯޓާސް ލިސްޓްގައި ސޮއިކޮށްފައިވަނީ 47 ކެނޑިޑޭޓުން ކަމަށެވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފާހަގަކުރައްވާފައިވެއެވެ.
މަޖިލީހުގެ 87 ދާއިރާއަށް 386 ކެނޑިޑޭޓުން ވާދަކުރާއިރު މިހާތަނަށް 266 ކެނޑިޑޭޓުން ވޯޓާސް ލިސްޓްގައި ސޮއިކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ އެންމެ ފަހު ގަޑިއަކީ މާދަމާގެ މެންދުރު ދެގަޑި ތިރީސް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް