ޝާހުގެ ހުކުމް އިސްތިއުނާފު ކުރުމަށް ޕީޖީން ނިންމައިފި
ފިރިމީހާގެ ފަރާތުން ލިބުނު ޖިސްމާނީ އަދި ޖިންސީ އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް ނިޔާވި ގދ.ތިނަދޫއަށް ނިސްބަތްވާ ޒިޔާދާ ނައީމްގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން ދަނީ ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާވެސް ސާބިތުނުވާކަމަށް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރާނެ ވަކި ތާރީޚެއް އެނގިފައެއް ނެތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވަނީ އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ.
ދައުލަތުން ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާވެސް ސާބިތުނުވާކަމަށް ވަނީ ހުކުމް ކޮށްފައެވެ.
އެއީ ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ)ގެ ދަށުން މީހަކު މަރުވެ ދިއުމުގައި އުހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުނު ކަމުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ގެންދެވުނީ މިފަދަ އެހެން މައްސަލަތައްވެސް ގެންދެވޭ އުސޫލުން، ސިއްރުންނެވެ.
ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށެވެ.
ނަމަވެސް ވަކި ހިސާބަކުން ޒިޔާދާ ވަނީ ޝާހުގެ ގެއިން ނިކުމެގެން ވަކިން އުޅެން ފަށާފައެވެ.
ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓުން ދައްކާ ގޮތުގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން އޭނާގެ ކަނާއަތުގެ މުލައްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝާންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް