ހުޅުމާލޭގައި އުޅަނދުތައް ރެޖިސްޓްރީ ކުރެވޭނީ ގޭގެ ވެރިންނަށް އެކަނި!
ހުޅުމާލެއަށް އެތެރެކުރާ ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރެވޭނީ، ފްލެޓް، ރޯހައުސް އަދި ގޯތިގެދޮރުގެ ވެރިންނާއި އެފަރާތްތަކުގެ އާއިލާމީހުންގެ ނަންމަތީގައި ކަމަށް އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ރެޖިސްޓަރ ކުރެވޭނީ ހުޅުމާލޭގެ ގޯތި، ރޯހައުސް އަދި ފްލެޓެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ ނުވަތަ ބައްޕަގެ ނަންމަތީގައި އެކަނި ކަމަށެވެ.
މި އުސޫލުގެ ދަށުން ހުޅުމާލޭގެ ގޯތި، ފްލެޓް އަދި ރޯހައުސްތަކަށް ގެންނަ އުޅަނދު ހުޅުމާލެއަށް އެތެރެކޮށް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ޕޯޓަލްއަށް ލޮގިން ވުމުން ހުޅުމާލެއަށް އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލާއި ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު ފެންނަން ހުންނާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
މި އުސޫލުގެ ދަށުން ފްލެޓަކަށް ހުއްދަ ދޭނަމަ ދޭނީ ކޮންމެ ފްލެޓަކަށް އެއް އުޅަނދަށް ކަމަށާއި ހުޅުމާލޭގައި ހިންގާ ކޮންމެ ގެސްޓްހައުސް އަކަށްވެސް ރެޖިސްޓާ ކޮށްދޭނީ އެއް އުޅަނދު ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އަންނަ ބުދަ ދުވަހުގެ 8:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށައެޅޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް