ކުރީގެ ނައިބު ރައީސް އަދީބު އިމަރޖެންސީގައި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖަލުހުކުމްތަކެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރެއިން ފެށިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަރޖެންސީ ބައިގައި ފަރުވާދެމުން ގެންދާކަމަށް އާއިލާއިން ބުނެފިއެވެ.
ރޭގެ ވަގުތެއްގައި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބުނީ އަދީބުގެ ހާލަތު ގޯސްވެ އިމަރޖެންސީގައި ފަރުވާދެމުން ގެންދާކަމަށެވެ. އަދީބު އައިޖީއެމްއެޗްއަށް ގެނައިގެން އެ ހޮސްޕިޓަލްގެ ފަރާތުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ނަޝްވާ ބުނީ އަދީބުގެ ހާލަތު ގޯސްވީ ޑޮކްޓަރުންގެ އިރުޝާދަށް ކަރެކްޝަނުން ތަބާނުވުމުން ކަމުގައެވެ. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަތައް މިހާރު ކިޑްނީއާއި ގޮހޮރު ދޭތެރޭ ތާށިވެފައިވާކަމަށް ނަޝްވާ ވަނީ ހާމަކޮށްފައެވެ. އަދި ތިން ދުވަހުގެ ތެރޭގައި ބޭހުން ހިލަ ވައްޓާ ނުލެވިއްޖެނަމަ އޮޕަރޭޝަން ކުރަންޖެހިދާނެ ކަމަށް ނަޝްވާ ވަނީ ބުނެފައެވެ.
އަދީބު ހޮސްޕިޓަލަށް ގެނައުމާއި ގުޅިގެން އެބޭފުޅާއަށް ތާއިދުކުރައްވާާ މީހުންނާއި، އާއިލާއިން ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ.
އަދީބަށް ސިއްހީ އެތައް މައްސަލަތަކެއް ޖެހިވަޑައިގެންފައިވާކަމަށް އާއިލާއިން މީގެކުރިންވެސް ވަނީ ބުނެފައެވެ. އެގޮތުން ގުލަކޯމާއާއި ކިޑްނީގެ މައްސަލަތައް ޖެހި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން ވަނީ އެދިފައެވެ.
އަދީބު މިވަގުތު ދަނީ 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް