އެމަނިކުފާނުގެ އަނގަފުޅު މާބޮޑީއެވެ!
ކައިވެނިން ބޭރުން ހިންގާ ގުޅުމަކުން ދަރިން ލިބުމުގެ މައްސަލަ ހައްލުކުރެވެން އޮތްގޮތަކީ، އެގޮތަށް ވިހާ އަންހެނުން ނުވިހާގޮތް ހެދުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވުމުން އެމަނިކުފާނު ދެއްކެވި ވާހަކައެއް ބަޔަކަށް އޮޅުންއަރާނަމަ އެކަމަށް މައާފްއެދޭކަން އިއްޔެވަނީ ޓްވީޓަރ މެދުވެރިކޮށް ފާޅުކުރައްވާފައެވެ. ކަމެއްގޯސްކޮށް ކުރެވިގެން އެކަމާމެދު މީސްތަކުންގެ ކަންބޮޑުވުން އުފެއްދިއްޖެނަމަ މާފުއެދުމަކީ ރަނގަޅުކަމެކެވެ. އެކަމަކު މާފުއެދިވަޑައިގެންނެވީއަކީ ޔަތީމު ކުދިންނާގުޅޭގޮތުން ދެއްކެވި ވާހަކަފުޅަކަށް ނޫނެވެ. އެވާހަކައިން ބަޔަކަށް ނުބައި މާނައެއް ނެގިފައިވާނަމަ އެހެންދިމާވީތީއެވެ.
މައާފް އެދިވަޑައިގަންނަވަމުން ޓުވީޓާގައި ލިޔުއްވާފައިވެއެވެ. " ޒިނޭއަށް ހިއްވަރުދިނުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް ބާރުއަޅާ ކަމެއްނޫން. ކައިވެނިން ބޭރުން ދަރިން ލިބި ، އެކުދިންނަށް ލިބޭ ނިކަމެތިކަމާއި، ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރުމަށް އޮތް ގުޅުމާގުޅޭގޮތުން އަޅުގަނޑު ދެއްކި ވާހަކަ އޮޅިވަޑައިގަންނަވާނަމަ އެކަމަށް މައާފް އެދެން" ރައީސް ނަޝީދު މައާފް އެދިވަޑައިގަތުމަކީ އާދައިގެ ކަމެއްނޫނެވެ. މީގެކުރިން ކިތަންމެ ކިތަންމެ ކޮންޓްރަވަސީއެއް އެމަނިކުފާނު އުފައްދަވާފައިވެއެވެ.
މިފަހަރުގެ ކޮންޓްރަވަސީ އައިސްފައިމިވަނީ ކީރިތި ގުރުއާންގައި އައިސްފައިވާ ޒިނޭގެ މައްސަލަތަކުގައި ރަޖަމްކުރުމުގެ ހައްދާއިމެދު ދިވެހިންގެ ބަޔަކު ސުވާލު އުފައްދައި ފިތުނަވެރި ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅަކަށްވުމުން މީހުންގެ ސަމާލުކަން ނަޝީދުގެ ވާހަކައަށް ބޮޑަށް ހުއްޓޭގޮތްވީއެވެ.
ނަޝީދުގެ ކޮންޓްރަވަސީ
ތެދުފުޅެކެވެ. ނަޝީދުގެ އެދުވަހު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހާއިގުޅުވައިގެން އެކިމައްސަލަތަކަށް އަލި އަޅުއްވާލެއްވިއެވެ. މިފަހަރު ހޮވާ މަޖިލީހަކީ މަސްތުވާތަކެތީގެ މައްސަލާގައި އުޅޭ މީހުންނަށް ހައްލު ހޯދައިދޭނެ މަޖިލީހެއްކަމަށް ވިދާޅުވިއެވެ. ގަޓު މަޖިލީހަކަށް މިހޮވޭ 19 ވަނަ ރައްޔިތުންގެ މަޖިލިސް ނުވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި މިއުފެދޭ މަޖިލީހުގައި ތިއްބަވާ ބޭފުޅުން އަގުބޮޑު ކާރުތަކުގައި ރޮލެކްސް ގަޑި އަޅައިގެން ނޫޅޭނެކަމަށެވެ. ގަޓް މިއީ ޕީޕީއެމުގެ ބައެއް ބޭފުޅުން ރައީސް ޔާމީނަށް ނިސްބަތްކުރައްވާ ބަހެކެވެ. ރޮލެކްސް ގަޑި ނިސްބަތްވަނީ ޕީޕީއެމް މެމްބަރު ނިހާނަށެވެ. ދެން ވިދާޅުވީ މިއަންނަ މަޖިލީހުގެ މެމްބަރުންނަކީ ވޯޓްވިއްކާނެ ބަޔަކަށްނުވާނެކަމަށެވެ. އެމްޑީޕީގެ މިހާރުތިބި ގިނަ މެމްބަރުންނަކީ އެންމެ ލޯލާރިއެއްގައިވެސް ނުޖެހޭ ނަޒާހަތްތެރި ބޭފުޅުންކަމަށް ވިދާޅުވިއެވެ. ޕާޓީއާއި ޕާޓީގެ ލީޑަރޝިޕުން ބޭނުންނުވާގޮތަކަށް ނޫނީ އެބޭފުޅުން މިހާތަނަށްވޯޓެއްވެސް ނުލައްވައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެއްކަމަށްވާ ދެވަށް ދޮންކޭލާއި ކިރުތަށީގެ ވައުދު ފުއްދަން ފެށިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ދެން އަނެއްކާވެސް ޔާމީނަށް ނިސްބަތްކުރައްވައި ޖޯކެއް ޖެއްސެވިއެވެ. " އަޅުގަނޑުމެންގެތެރޭގައި ވަކާލާތުކޮށްފި، ކާކުތޯއޭ އަހާނީ، އަންހެނުންވެސް އަހާނެތޯއޭ ގެއަށް ލާރިގެނައިމާ އެއީ ކިހިނެތް އައި އެއްޗެއްތޯއޭ.... އަޅުގަނޑަށް މިއުޅެވެނީ ހަތަރުއަނާއެއްވެސް ގެއަށް ނުގެންދެވިގެން، ތިއީ ކާކުދިންއެއްޗެއް ؟؟ ކޮންތާކުން ގެނައިއެއްޗެއް؟؟ ( އަންހެނުން ) ތަހްގީގަކަށް ނުގޮހެއް. އަޅުގަނޑަކަށް ނޭގޭ އެހެންބޭފުޅުން އެއުޅުއްވަނީ ކޮންބާވަތެއްގެ ބޭފުޅުންނާ ކައިވެނިބައްލަވައިގެންކަމެއް"
ދެން ޔަތީމް ކުދިންނާބެހޭގޮތުން ދައްކަވާ ވާހަކަފުޅެއް ފަށްޓަވަނީ ކައިވެނިން ބޭރުން ދަރިން ހޯދުމާއިގުޅޭގޮތުންނެވެ.
" މައްސަލައަކީ މަންމައިންނަށް ބާތު ކޮންޓްރޯލް ނުކުރެވޭކަން. ނުވިހާގޮތް މަންމައަށް ނެހެދޭކަން. ނުވިހާގޮތް މިހެދެނީ މީހަކާ ކައިވެނިކޮށްގެން. ދިމާވެގެން މިއުޅޭ މައްސަލއަކީ ކައިވެނިނުކޮށް ދަރިން ހޯދާތީވެ. ދެން ހަމަދާ ކޮންމެ ފަހަރަކު އެބަބުނޭ އެހެނެއް ނުހަދައިދެވޭނެއޭ. އަޅުގަނޑު އެބަދަން ވަރަށް ގިނަ ކުދިން ވިހާތަނަށް. ކޮންމެ ފަހަރަކު އެބަބުނޭ އެހެނެއް ހަދައެއްނުދެވޭނެއޭ. އޭނަ މީހަކާ އިދެގެންނޭ އޭނައަށް ނުވިހާގޮތް ހެދޭނީ. ދެން މީގައޮތް ގޮތަކީ އަޅުގަނޑު އެއިންކޮންމެ މީހަކާ އިނުން. އެނޫންގޮތެއްނެތް." ކެމްޕެއިން ޖަލްސާގެ އެހެންވިދާޅުވުމާއެކު އެޖަލްސާގައި ތިބި ބައެއް މީހުން މަޖާވެގެން ހީގަނެއެވެ. ބޮޑަށް ފާޅުވަނީ އަންހެން ބޭފުޅުންގެ އަޑެވެ. އެންމެ ކަންބޮޑުވާންޖެހޭ ވާހަކަފުޅެއް ދައްކަވަނީ ދެނެއެވެ. ވިދާޅުވެފައިވެއެވެ. " ކައިވެނީގެ ބޭރުން މިކުއްޖެއް މިހޯދަނީ. ހޯދާފައި އެކަމަށް އަޅުގަނޑުމެންނަށް ހައްލެއް ގެނެވެންއޮތީ ނުވިހާގޮތް އަންހެންމީހާވެސް ހަދައިގެން. އަޅުގަނޑަށް އެގޭ ފިރިހެންމީހާގެވެސް ވަރަށް.. ވަރަށް ބޭވަފާތެރިކަމާ ބޭއިންސާފުކަމާއެކީގާ މިކަމެއް މިހިނގަނީ. އަޅުގަނޑުމެން ބަލަން މިއުޅެނީ އެދެމީހުންނެއްނޫން. އަޅުގަނޑުމެން ސަލާމަތްކުރެވޭތޯ ބަލަނީ ވިހާ ދަރިފުޅު" ނަޝީދުގެ މިވާހަކަފުޅުގައި އަޑުއަހާ މީހާއަށް މާބޮޑު އޮޅުމެއް އަރާވާހަކައެއްނެތެވެ. އަޑުއިވެނީ ވިދާޅުވިއެއްޗެކެވެ. މިވާހަކަފުޅުގައި ހަރާމް ހަލާލު ބާއްވާފައި އެހެންކަމެއްވެސް ފާހަގަކުރެއެވެ. އަންހެނުންގެ ކަރާމަތަށް ނިސްބަތްކުރެވޭ ދެރަބަހެއް އެބަ ރައްދުކުރެވެއެވެ. ނަހަލާލަށް ވިހާ އަންހެންމީހާ ނުވިހާ ގޮތް ހަދަން ބާރުއަޅުއްވާ ބާރުއެޅުއްވުމެވެ. އަންހެން މީހާއަށް ދަރިން ނުލިބޭގޮތް ހަދަން ބޭނުންވާއިރު ފިރިހެންމީހާއަށްވެސް ދަރިން ނުލިބޭގޮތް ހަދަން ބާރުއަޅުއްވަން ވާނެނޫންތޯއެވެ.
ސަމާވީދީންތަކުގައި ޒިނޭގެ ހައްދު އޮވޭތަ؟
ޒިނޭފަދަ ފާހިޝްކަން ބޮޑު އަދި އެކަމުގެ އުގޫބާތް ހުރިހައި ދީނެއްގައިވެސް ވަރުގަދަކޮށް އޮންނައިރު އެކަންތަކާމެދު މިހާ އާދައިގެ ނަޒަރަކުން ދެކެވަޑައިގެން، ވާހަކަފުޅު ދެއްކެވުމަކީ ދެރަކަމެކެވެ. ކައިވެނިން ބޭރުން ދަރިން ހޯދުމުގެ މިނިވަންކަން އޮތުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަމުގެ ވާހަކައަކީ އެއްވެސް ދީނެއް ގަބޫލުނުކުރާ ހުޅަނގު ޔޫރަޕްގައި ބާރުގަދަވަމުންދާ ފިލޯސަފީއެކެވެ. ދެން އަވަށްޓެރި އިންޑިޔާގައެވެ. މިފިލޯސަފީ އަޅުގަނޑުމެންގެ ދިވެހި ޜާއްޖެއަށް ފަތުރައިލުމަށްޓަކައި ދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާއިމެދު ސުވާލު އުފައްދައި އެއްބަޔަކު ވާހަކަދައްކާއިރު ރައީސް ނަޝީދުގެ ވާހަކަފުޅު މިއައީ އެހެން ނަޒަރަކުންނެވެ. މައްސަލައަކަށްވަނީ ޒިނޭއެއްނޫނެވެ. އެވިހާ ދަރިފުޅު ގެންގުޅެންޖެހުމެވެ.
ކޮންމެއަކަސް ޒިނޭގެ ހައްދު އިސްލާމްދީނުގައި އޮންނަގޮތާމެދު ކަމުނުގޮސްގެން ވާހަކަދައްކާ ދިވެހިން އެހެން ދީންތަކުގައި އޮންނަގޮތް ދެނެނުގަންނަނީ ކީއްވެގެންތޯއެވެ. ތައުރާތުގައި ޔަހޫދީންގެ މައްޗަށްވެސް ބާވައިލައްވާފައި އޮތީ ރަޖަމްކުރުމަށެވެ. ޔަހޫދީން އެހައްދު އޮޅުވައިލިއެވެ. އިސްލާމްދީން އައިއިރު އެމީހުން އެހައްދު ގާއިމުކުރާގޮތަކީ ދެރަމީހަކު ޒިނޭކޮށްފިނަމަ އެމީހެއްގެ ގައިގައި ކަޅުކުލަ އުނގުޅައި ހުތުރުކުރުމަށްފަހު ހައްދު ޖަހައިގެންނެވެ. އިސްލާމްދީން އައުމުން އިސްލާމްދީނުގައި އޮންނަނީ ލުއިގޮތެއްގައިކަމަށް ހީކޮށް ޔަހޫދީ އިލްމުވެރިން އެއްފަހަރަކު ރަސޫލާ އަރިހަށް އައެވެ. އެމީހުން ސުވާލުދެންނެވުމުން ތައުރާތުގައި އޮންނަނީ ކޮންގޮތަކަށްތޯ ރަސޫލާ އެމީހުންކުރެން އެއްސެވުމުން ހެދިގޮތަކީ ރަޖަމްގެ ވާހަކަ އޮތް ސަފްހާގައި އަތްއަޅައިގެން ތިބެ ކިޔައިދެނިކޮށް އެމީހުންގެތެރެއިން އިސްލާމްވެހުރި ޔަހޫދީ ޢިލްމުވެރިޔަކު އެމީހުން ބޭޒާރުކޮށްލިއެވެ. ނަސާރާއިންނަށް ބާވައިލައްވާފައިވަނީ ޒިނޭކުރާ މީހާ ގަތުލުކުރުމަށެވެ.
އެހެންވީމާ މިއީ ހުރިހައި ދީނެއްގައިވެސް ވަރަށް ހަރުކަށި އަދަބު އޮންނަކަމެއްކަން އެގެއެވެ. އިސްލާމްދީނުގައި ހައްދުކަނޑަޅިފައިވާގޮތާމެދު ސުވާލު އުފައްދަނީ ނޭގިގެންނޫނެވެ. ނުބައި ނުލަފާކަމުންނެވެ. ދީނުގެ ހުކުމްތަކާމެދު ތިމާމެންގެ ހިތުތެރޭގައި އުފެދިފައިވާ ކިލަނބު އަދި ނޭއްގާނީ ފިކުރުތަކަކާހެދިއެވެ. ހީކުރަނީ އެކާވީސްވަނަ ގަރުނުގައި ދިރިއުޅޭ ތިމަންނަމެންނަކީ މީގެކުރިން ދުނިޔޭގައި އުޅެފައިވާ މީސްތަކުންނަށްވުރެ މާމޮޅު، ވިސްނުންތޫނު، ބުއްދިވެރި ބައެއްކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް