އަދީބްއާއި ނާޒިމްގެ މައްސަލަ ހައްލުކުރެވޭތޯ ބެލިން: ރައީސް ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދެވަޒީރުންކަމުގައިވާ އަހުމަދު އަދީބްއާއި މުހައްމަދު ނާޒިމްގެ މެދުގައި ޖެހުނު މައްސަލަތަކާއި ނުތަނަސްކަން ހައްލުކުރުމަށް މަސައްކަތް ކުރެއްވިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އާ އަހަރާއި ގުޅިގެން ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ ކާނަލް ނާޒިމްއާއި އަދީބުއާއި ދެމެދު އުފެދުނު ނުތަނަވަސްކަމާއި މެދު މާބޮޑު ތަފްސީލެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ. އެމަނިކުފާނަށްވެސް ފެނިވަޑައިގެންދިޔައީ އެދެބޭފުޅުން ވަޒީރުންގެ ވައިބާ ގްރޫޕްގައި ހޫނުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދެވި މަންޒަރުކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
"ދެބޭފުޅުންގެވެސް ޝަކުވާ އަޅުގަނޑާ ހަމަޔަށް އާދޭ. އެއީ އެދެބޭފުޅުންގެ އަމިއްލަ ކަންތައްތަކެއް ކަމަށް އަޅުގަނޑަށް ފެންނަނީ"، ރައީސް ޔުާމީން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑަށް ބެލެވެނީ ދެބޭފުޅުންގެ މެދުގައި ހޫނުވެރިވެގެންދިޔައީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިންކަމަށެވެ. އެދެބޭފުޅުންގެ ސިޔާސީ ކުރިމަގާ މެދު ދެބޭފުޅުން ދެކޭގޮތުގެ ތަފާތުގައި ޖެހުނު މައްސަލައެއްކަމަށް ބެލެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެދެބޭފުޅުންގެ ސިޔާސީ ކޯޅުމަކީ ސަރުކާރާއި މުޅި ކެބިނެޓަށް ވަރަށް ބޮޑަށް އުނދަގޫވެގެންދިޔަ ކަމެއްކަމުގައި ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް