މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި މަކަރާއި ހީލަތުން އަތުލި ފައިސާތަކެއް ހޯދައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުން، ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބަރ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއެއްހާއިރުގެ ތެރޭގައި އެ ފައިސާތައް ވަނީ ހޯދާފައެވެ.
އެގޮތުން، އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ހޯދައި ދެނެގަނެ 10700 ރުފިޔާ ހޯދާފައިވާ ކަމަށް ބުންޏެވެ.
އަދި މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އޭ.ޓީ.އެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑު ތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާ މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށެވެ:
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް