ދައުރު ނިމުމުގެ ކުރިން އެންމެދަށް މުސާރަ ކަނޑައެޅިދާނެބާ؟
މިނިމަންވޭޖްއަކީ ތަރައްޤީވަމުން އަންނަ ހުރިހާ ގައުމެއްގައިވެސް އެންމެ ބާރަށް ހަރު އަޑުލާފައި ދެކެވެވުން އަންނަ ވާހަކައެކެވެ. ޙާއްސަކޮށް ސިޔާސީ މީހުން އެންމެ ގިނައިން ޕޯޑިއަމްތަކުގައި ދައްކަމުން އަންނަ ވާހަކައެވެ. ރާއްޖޭގައިވެސް ކަން އޮތީ މިހެންނެވެ. އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ވެސް މިނިމަމް ވޭޖްގެ ވާހަކައަކީ އެންމެ ހަރުއަޑުކޮށް ދައްކަމުން އަންނަ ކެންޕެއިން ވައުދުތަކުގެ ތެރެއިން ވައުދެކެވެ. ޙާއްސަކޮށް އިއްޔެ ފާހަގަކުރި މަސައްކަތްތެރިންގެ ދުވަހު މިއަޑުވަނީ އަމުދުން ގަދަވެފައެވެ.
މިނިމަމްވޭޖްއަކީ މަސައްކަތްތެރިންނަށް އެންމެ ދަށްކޮށް އާމްދަނީ ދެވޭނެ ނިސްބަތް ކަނޑައަޅާއެޅުމެވެ. މިނިމަމްވޭޖް އާއްމުކޮށް ކަނޑައަޅަނީ ތަރައްޤީވެފައިވާ ޤައުމުތަކުގައި އެޤައުމުތަކުގެ ސަރުކާރުން، ނޫންނަމަ އެޤައުމެއްގެ ވަކިވަކި އިންޑަސްޓްރީތަކަކުންނެވެ. މިނިމަމްވޭޖްއަކީ އާއްމު ރައްޔިތުން ސަރުކާރެއްގެ ފަރާތުން އެންމެ ޑިމާންޑުކުރާއެއްކަމެވެ. އެންމެ ބޮޑު ސަބަބަކަށް ވަނީ ދޭދޭ މީހުން މެދުވަގައިވާ ފަރަޤު ނުވަތަ އާމްދަނީގެ ފަރަގު ކުޑަކުރެވޭނެކަމަކަށްވުމުންނެވެ. އަދި މަސައްކަތްތެރިންނަށް އެމަސައްކަތްތެރިންނަށް ހައްޤު އުޖޫރަ ކަނޑައަޅައިދޭ ސިޔާސަތަކަށް ވާތީއެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ޙާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި މިނިމަމްވޭޖް ކަނޑައެޅުމުގައި ގިނަ ދުވަސްތަކެއް ނަގާކަން ފާހަގަކުރަންޖެހެއެވެ.
މިނިމަމްވޭޖްއަކީ ކިތަންމެ ބޭނުންތެރިނަމަވެސް ގިނަދުވަސް ނަގާ މައިގަނޑު ސަބަބަކަށްވަނީ މިނިމަމް ވޭޖްއަކީ މުޅި އިޤްތިސާދަށް ގުޅިފައިވާ މުހިންމު ކޮންޕޯނަންޓްއަކަށްވާތީއެވެ. އަދި އިޤްތިސާދަށް އަންނަ ކޮންމެ އެދެވޭ އަސަރަކާއި ނޭދެވޭ އަސަރެއް މިނިމަމްވޭޖްއަށް ސީދާގޮތުން އަސަރު ކުރާނެތީއެވެ. ތަރައްޤީވަމުން އަންން ޤައުމުތަކުގައި މިނިމަމްވޭޖް ކަނޑައެޅުމުގެ ކުރިން ފުރިހަމަ މޮޅު އިލްމީ ދިރާސާތައް ކުރެއެވެ. ސަބަބަކަށްވަނީ މިނިމަމްވޭޖްގެ ސަބަބުން މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީއެވެ. އަދި ޤައުމުތަކުގެ އިޤްތިސާދައް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށްކުރާނީ މެދު ފަންތީގެ ވިޔަފާރިއަށްވާތީއެވެ. އެހެންކަމުން ރާއްޖެއަށް ބަލާލާއިރު އެންމެ ގިނަ ވަޒީފާތައް އުފައްދާފައިވަނީ މެދު ފަންތީގެ ވިޔަފާރިތަކުންކަން ފާހަގަކޮށްލަންޖެހެއެވެ.
މީގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިނިމަމްވޭޖް ކަނޑައަޅަނީ ހުރިހާ ދާއިރާއެއްގެ ބަދަލުގައ ވަކި ދާއިރާތަކަކަށެވެ. އަދިމިނިމަމްވޭޖް ކަނޑައެޅުމުގައި ގިނަ ޤައުމުތަކުގައި ބޭނުންކުރަނީ ޕްރޮގްރެސިވް ވޭޖް ކިޔާ މޮޑެލްއެކެވެ.
އެހެންކަމުން ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމުގައި އިލްމީ ދިރާސާއަކާއި ނުލައި އަވަސް އަރުވައިލައިގެން މިނިމަމްވޭޖްއެއް ކަނޑައެޅިއްޖެނަމަ، އޭގެ ގެއްލުން އެންމެ ބޮޑަށްކުރާނެ ފަރާތްތަކަކީ މެދުފަންތީގެ ވިޔަފާރިތަކެވެ. ބައެއް ޤައުމުތަކުގައި މިނިމަމްވޭޖްއާއި ގުޅިގެން ބައެއް މެދުފަންތީގެ ވިޔަފާރިތައް ނެތިގެން ގޮސްފައިވާކަމަކީ ތާރީހުން ފެންނަ ހުރި ކަންކަމެވެ. އަދި މެދު ފަންތީގެ ވިޔަފާރިތައް ޤައުމަކަށް މުހިންމު ވަނީ ޤައުމެއްގެ ނިސްބަތުން ނުވަތަ އިންޑަސްޓްރީގެ ނިސްބަތުން އެންމެ ގިނަ ކުދި ވަޒީފާ އުފައްދާ ވިޔަފާރިތަކަކީ މެދު ފަންތީގެ ވިޔަފާތިތަކަށްވުމެވެ. ވީމާ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު، ކަނޑައަޅާ އުޖޫރަތަކަކީ އިންޑަސްޓްރީތަކަށް ތަހައްމަލް ކުރެވޭނެ އުޖޫރައަކަށް ވާންޖެހެއެވެ.
ވުމާއެކު އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މިނިމަމްވޭޖް ކަނޑައެޅުމުގައި ދުވަސްތަކެއް ނަގާނެކަމަށް ޤަބޫލުކުރެވެއެވެ. އަދި ރައްޔިތުންގެ ކިބައިގައި އެކެއްތެރިކަންވެސް ހުންނަންޖެހެއެވެ. ސަބަބަކީ އަވަސް އަރުވައިލައިގެން ކަނޑައެޅޭ މިނިމަމް ވޭޖްއަކީ ޤައުމަށް އެންމެ ފައިދާހުރި އުޖޫރައަކަށް ނުވެދާނެތީއެވެ. އެހެންކަމުން މިކަމަށް ރާއްޖޭގައި އިލްމީ ދިރާސާ ބޭނުންބޮޑެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް