ދިރާސީ އަހަރުގެ އަހަރީ ޗުއްޓީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
2020ވަނަ އަަހަރުގެ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
މިކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަދު އިއުލާންކޮށްފައެވެ.
އެ މިނިސްޓްރީން ބުނީ ދިރާސީ އަހަރު ނިންމާ މިހާރު ދޭ ”ބޮޑު ޗުއްޓީ“ 2 ބަޔަކަށް ބަހާލުމަށް ނިންމާފައިވާ ކަަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ސްކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި އޮންނާނީ 31 މެއި 2020 އިން 11 ޖޫން 2020 އަށެވެ. އަދި 2 ވަނަ ބައި 06 ޑިސެންބަރު 2020 އިން 07 ޖަނަވަރީ 2021 ދިނުމަށްވަނީ ހަމަޖައްސާފައެވެ.
މި އިއުލާންގައިވާ ގޮތުގައި ސްކޫލްތަކުގެ އަހަރީ ޗުއްޓީ އަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކަކަށްވުމަކީ މުހިންމުކަމެއްކަމަށެވެ.
ނަމަވެސް މިހާރު، ދިރާސީ އަހަރުނިމި ސްކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ޑިސެންބަރު އަދި ޖަނަވަރީމަސް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
"މިދުވަސްވަރު ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ އެންމެ ބާރު ބޮޑު ދުވަސްވަރުކަމަށް ވުމުން އެ ސިނާއަތުގައި މަސައްކަތް ކުރައްވާ ބެލެނިވެރިންނަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބުމުގައި ގިނަފަހަރު ދަތިތަކަކާ ކުރިމަތިވެއެވެ"، މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަނުން ބުނީ މި ގެނެވުނު ބަދަލާއި އެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށްވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެކަމަށް ދެކޭ ކަަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް