ނާޒިމްގެ ކެމްޕެއިންގައި އަޅުގަނޑުގެ ފޮޓޯ ބޭނުންކުރިޔަސް އަޅުގަނޑު ތާއިދު އޮތީ ހީނާއަށް: ރައީސް ޔާމީން
މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫންގެ ތާއިދާއި އެކު ދިއްގަރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ ކުރީގެ މެންބަރ އަހުމަދު ނާޒިމް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ބޭނުންކުރިޔަސް ތާއިދުއޮތީ ޕީއެންސީ ކެނޑިޑޭޓް ހީނާ ވަލީދަށްކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ޕީއެންސީން ދިއްގަރު ދާއިރާއަށް ވާދަކުރައްވާ ހީނާ ވަލީދުގެ ކެމްޕެއިންެގެ ތެެރެއިން އޮތް ބައްދަލުވުމެއްގައި ރައީސް ޔާމީން ދެއްކެވި މި ވާހަކަފުޅުގެ އޯޑިޔޯ ކްލިޕްގެ ކޮޕީއެއް ވޮއިސްއަށް ވެސް ވަނީ ލިބިފައެވެ.
ރައީސް ޔާމީން އިއްޔެ ދެއްކެވި މި ވާހަކަފުުޅުގައި ވިދާޅުވެފައިވަނީ ޖަލު ބަންދާއި ގުޅިގެން އެމަނިކުފާނު ދޫކޮށްލުމަށް ހައިކޯޓުން ނިންމި ނިންމެވުމަކީ ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށާއި އެމަނިކުފާނުގެ ބަންދަކީ އެއްވެސް ކަހަލަ އަސްލެއް، ގާނޫނީ ހަމައެއް ނެތި ކުރި ބަންދެއް ކަމަށެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ދިއްގަރު ދާއިރާ ތަމްސީލްކުރާނެ މެންބަރެއް ނެތި އެ ދާއިރާއަށް އައިސްފައިވާ ތަރައްގީއަކީ އެމަނިކުފާނުގެ ސަރުކާރުން، އަދި ރައީސް ޔާމީން ދިއްގަރާއި ދެމެދު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން އައިސްފައިވާ ތަރައްގީއެއް ކަމަށެވެ.
"މިއަދު ހައިކޯޓުގެ ހުކުމް މިއައި ކަންތައްތަކުގައި އަޅުގަނޑު ދެންމެ ދަންނަވާލިން މި މީހުންނާއި ގުޅިގެން، މިހާރު މިއޮތް ސަރުކާރާއި ގުޅިގެން ތިބީ ކޮންބައެއްތޯ ތިބޭފުޅުންގެ ޚިޔާލަށް ގެންނަވާށޭ. އަޅުގަނޑު ހަމަ މި ދަންނަވަނީ، ކަނޑައެޅިގެން ހަމަ މި ދަންނަވަނީ މި ބޭފުޅުންނާއި ގުޅިގެން ތިއްެބެވި ބޭފުުޅުން މި ކުރައްވާ ކަންކަމުގެ ނޭދެވޭ ނަތީޖާއެއްގެ ސަބަބުން މި ފެންނަނީ ތިބޭފުުޅުންނާއި އެންެމެ ގާތް، ތިބޭފުުޅުން އެންމެ ލޯބިވާ އެންމެ އިހުތިރާމްކުރާ މީހުން ގާނޫނާއި ޚިލާފަށް ކޯޓުތައް މެދުވެރިކޮށް ބަންދުކޮށް މިކަހަލަ ކަންތައްތައް ކުރާތީ"، ޔާމީން ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ މިހާރު މިއޮތް ސަރުކާރުން އެއްވެސް ތަރައްގީގެ މަޝްރޫއުއެއް ނުހިންގާ ތަނުގައި މީހުން ހައްޔަރުކުރަމުންދާ ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އެ ދާއިރާއަށް ވާދަކުރައްވާ އެހެން ކެނޑިޑޭޓުންނަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ދިއްގަރު ދާއިރާއަށް ނިކުމެވަޑައިގެން އުޅުއްވާ ނާޒިމަކީ ރައީސް މައުމޫނާއި ގުޅިގެން ޕީޕީއެމް ހަލާކުކޮށްލާ ރައީސް ޔާމީންގެ ސަރުކާރު ބަލިކަށިކުރަން އިސްކޮށް ނުކުންނެވި ފަރާތެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ނާޒިމްގެ ޖަގަހައިގައި ޕީޕީއެމް ޕީއެންސީގެ ކުލަ ބޭނުންކޮށް ރައީސް ޔާމީންގެ ފޮޓޯ ޖަހާފައި ހުއްޓަސް އެ ދާއިރާއިން އެމަނިކުފާނު ތާއިދުކުރައްވަނީ ހީނާ ވަލީދަށް އެކަނި ކަމަށް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް