ޖޭޕީއަށް އެއްވެސް ގޮނޑިއެއް ދޫނުކުރާނަން: ޑީއާރްޕީ
ޑީއާރުޕީ އިން ޖޭޕީއަށް އެއްވެސް ގޮނޑިއެއް ދޫ ނުކުރާނެކަމުގައި، ޑީއާރުޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.
ޑީއާރުޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 07 ވަނަ ދުވަހުގެ ރޭ ޕީއެންސީއިން އާއި ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާންކުރެއްވި މަޖިލިސް އިންތިޚާބުގެ ލިސްޓްގައި އެ ޕާޓީއިން ތާއީދުކުރާ މީހުންގެ ތެރޭގައި ޑީއާރުޕީގެ މެންބަރުންގެ ނަންތައް ނެތުމަކީ އޮޅުމެއް ކަމަށެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބަންދުކުރުމުގެ އެއްދުވަސް ކުރިން ޑީއާރުޕީއިން ކުރިމަތިލާފައި ތިބި ތިން ކެނޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވެފައިވާކަމަށްވެސް ޑީއާރުޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިމަހުގެ ހަވަނަ ދުވަހު އެ ކެނޑިޑޭޓުންނަށް ތާއީދު ކުރާނެ ކަމުގެ ލިޔުންވެސް ދީފައިވާކަމަށް ޑީއާރްޕީއިން ބުނެފައިވެއެވެ.
މަޖިލިސް އިންތިޚާބުގައި ޑީއާރުޕީން ވާދަކުރަން ނިންމާފައިވަނީ އެންމެ ތިން ދާއިރާއަށެވެ. އެއީ ކާށިދޫދާއިރާއާއި ގަލޮޅު އުތުރުދާއިރާގެ އިތުރުން ހެންވޭރު އުތުރު ދާއިރާއެވެ.
މިމަހުގެ ހަތްވަނަ ދުވަހު ޕީޕީއެމް ޕީއެންސީންވަނީ މަޖިލިސް އިންތިޚާބުގައި ޖުމުހޫރީ ޕާޓީން ވާދަކުރާ ދާއިރާތަކުގެ ތެރެއިން 27 ދާއިރާއަކަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތާއީދުކުރާނެކަމަށެވެ. އޭގެ ތެރޭގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީވެސް ހިމެނިވަޑައިގަންނަވައެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަލްހާންނަށް ތާއީދުކުރަން ނިންމާފައިވާއިރު ޑީއާރުޕީގެ ފަރާތުންވެސް އެދާއިރާއަށް ކުރިމަތިލައެވެ.
ކުރީގެ ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވަނީ އެޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ޑީއާރްޕީއާއި އެކުގައި ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް އެޕާޓީތަކުން ދީފައިނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް