73 ހާސް ކުދިންނާއެކު ދިރާސީ އައު އަހަރު މިއަދު ފަށައިފި
ރާއްޖޭގެ 213 ސްކޫލެއްގައި 73035 ( ހަތްދިހަ ތިން ހާސް ތިރީސް ފަހެއް ) ކުދިންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދުވަނީ ފެށިފައެވެ. ކިޔެވުން ފެށީގެން ދިޔައިރު އެންމެ ފާހަގަކުރެވުނުކަމަކީ ރާއްޖޭގެ އެންމެ ބޮޑު ސްކޫލުގެ ގޮތުގައި އަލަށް އިމާރަތްކޮށް ނިމުނު ހުރަވީ ސްކޫލް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހުޅުއްވައިދެއްވުމާއި ރައީސް ސާލިހްގެ ރިޔާސީ ވައުދެއްކަމަށްވާ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހުވެގެންދިއުމެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ދިރާސީ އައު އަހަރުފެށިގެންދިޔައިރު އެލްކޭޖީން ގްރޭޑް 12 އާއި ހަމައަށް 73 ހާސް ކުދިންކިޔަވާއިރު 185 ސްކޫލެއްގައި އޯލެވެލްއަށް އަދި 50 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދޭނެއެވެ. އަދި 144 ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. މާލޭ ސިޓީން އެއް ދަންފަޅިއަށް ކިޔަވައިދެނީ މިއަދު ހުޅުވުނު ހުރަވީ ސްކޫލްގައާއި ވިލިމާލޭގައި ހުންނަ މުހިއިއްދީން ސްކޫލްގައެވެ. ކުދިންނަށް ކިޔަވައިދިނުމަށްޓަކައި 9800 ޓީޗަރުން ހަރަކާތްތެރިވެއެވެ. އޭގެތެރޭގައި ހިމެނެނީ 7900 ދިވެހިޓީޗަރުންނާއި 1900 ބިދޭސީ ޓީޗަރުންނެވެ. މިއަހަރު ޖުމްލަ 200 ދުވަހު ކިޔަވައިދޭނެއެވެ.
ރައީސް ސޯލިހްގެ ރިޔާސީ ވައުދުކަމުގައިވާ ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓް ރާއްޖޭގެ 213 ސްކޫލްގެ ތެރެއިން ހިންގާނީ 25 ސްކޫލްގައެވެ. މިއަދު ހެނދުނު ޕައިލެޓް ޕްރޮޖެކްޓް ފެށްޓީ އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނާއިބް ރައީސް ފައިސަލް ނަސީމެވެ. ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފަ ވެއެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި މަސްހުންޏާއި ސޭންޑްވިޗް ފަދަ ބާވަތްތައް ހިމެނެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ 50 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން އެންމެ ފަންސަވީސް ސްކޫލެއްގައި ފެށުމަކީ އިންސާފެއް ނޫނެވެ. ސަބަބަކީ ރިޔާސީ ވައުދަކަށްވުމެވެ. ޕައިލެޓް ޕްރޮޖެކްޓް ހިންގަނީ ރިޔާސީ ވައުދު ކުރެއްވިއިރު އޭގެ ކޮސްޓާއި އަދި ދެމެހެއްޓެނިވިގޮތެއްގައި ކުރެވިދާނެކަމެއްކަން ނުބަލައި ވައުދު ކުރެއްވުމުންނެވެ. ފަގީރުންގެ ލިސްޓެއް އޮންނާތީ ރާއްޖޭގައި ހެނދުނުގެ ނާސްތާދެވޭނެ ތަނަވަސްކަމެއް ނެތް މަދުބެލެނިވެރިޔަކު ތިބެދާނެއެވެ. ރާއްޖޭގެ 73 ހާސް ކުދިންނަށް ހެނދުނުގެ ނާސްތާދޭން އުޅުމަކީ ދައުލަތުގެ ތަނަވަސްކަން އިސްރާފުކުރުންކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެއީ އާއްމުކޮށް ގިނަ ބެލެނިވެރިންނަކީ ދަރިންނަށް ހެނދުނުގެ ނާސްތާ ދިނުމަށްފަހު ސްކޫލަށްފޮނުވާކުދިންނަށްވެފައި އަދި ވަރަށް ގިނަ ތުއްތު ކުދިންނަކީ މެނޫގައި ކަނޑައެޅިފައިވާ ކާއެއްޗެހި ނުކުވޭނެ ކުދިންނަށްވާތީ އެތައް ސަތޭކަ މިލިޔަން ރުފިޔާ ހޭދަކުރަންޖެހޭ މިވައުދުފުއްދުމުގައި ކޮރަޕްޝަނަށް ހިގައިދާނެކަމުގެ ބިރުއޮތުމުންނެވެ.
ދިރާސީ އައު އަހަރުގައި މިއަދު ހުޅުވިގެންދިޔަ ހުރަވީ ސްކޫލަކީވެސް ފާހަގަކުރެވޭ ސްކޫލެކެވެ. 7 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މިސްކޫލަކީ ރާއްޖޭގައި ބިނާކުރި އެންމެ ބޮޑު ސްކޫލެވެ. ސްކޫލް އިމާރާތްކޮށް ނިންމައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައެވެ. މިއަދު ސްކޫލް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. 50 ކްލާސް ރޫމްގެ މައްޗަށް ހަދާފައިވާ މިސްކޫލްގައި 1400 ކުދިންނަށް އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ޖާގަ ހަމަޖެހިފައިވެއެވެ. އެކަމަކު މިއަދު ސްކޫލް ހުޅުވިގެންދިޔައިރު އަދި ތިބީ 700 ކުދިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް