ރައީސް ނަޝީދަށް ފުލުހުން ފާރަލާކަމަށް ކުރެއްވި ތުހުމަތު ސަލާމަތީ ބާރުތަކުން ދޮގުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާކަމަށް އެމަނިކުފާނު ވިދާޅުވި ވާހަކަފުޅު، ފުުލުހުންނާއި އެމްއެންޑީއެފްއިން ދޮގުކޮށްފިއެވެ.
ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާތުގައި އެމްއެންޑީއެފުން މީގެ ތިން ދުވަސް ކުރީގައި ފުލުހުން އެބޭފުޅާއަށް ފާރަލާކަމަށް ވިދާޅުވިކަަމަށެވެ.
މި ތުހުމަތަށް ރައްދުދެމުން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން، ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައެއް ނުވާނެކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި އެމްއެންޑީއެފްގެ އެސެސްމެންޓުން ވެސް ރައީސް ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ތުހުމަތު ފުލުހުންވެސް ވަނީ ދޮގުކޮށްފައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިވަގުތު ރައްޔިތުންގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކަލެއް އޮތްކަމަށް ފާހަގަ ކުރެވިފައެއް ނުވާ ކަމަށާއި އަދި މިފަދަ މައްސަލައެއް ހުށަހެޅިފައެއް ވެސް ނުވާ ކަމަށެެވެ.
"އެހެންނަމަވެސް އާއިލާގެ ފަރާތުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ސޯޝަލް މީޑިއާ ނުވަތަ އެހެންވެސް ގޮތަކުން ނުރައްކަލެއް އޮތްކަމަށް ފާހަގަ ކުރާނަމަ އެމައުލޫމާތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް ދެމެވެ"، ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް