މަހުލޫފް އެންމެފަހުން އެމްޑީޕީއާއި ގުޅިވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، (އެމްޑީޕީ) އާއި ގުޅިވަޑައިގަންނަވައިފިއެވެ.
މަހުލޫފް އެމްޑީޕީއާއި ގުޅުނުކަން އެބޭފުޅާ ހާމަކުރެއްވީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ. މަހުލޫފް ވިދާޅުވީ ރަސްމީ ގޮތުން ކުލަ ޔެލޯ ވެވަޑައިގަންނަވާފައިވާ ކަމަށާއި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެކު މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށެވެ.
މަހުލޫފްގެ މެންބަރޝިޕް ފޯމާއި ހަވާލުވެ ވަޑައިގެންނެވީ އިންތިހާބީ ރައީސް އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ، އިބްރާހިމް މުހައްމަދު ސޯލިހްއެވެ.
މަހުލޫފް އިތުރަށް ވަނީ އެމްޑީޕީގެ އާއިލާއާއި ގުޅުމުން ވަރަށް އުފާކުރައްވާކަމަށްވެސް ވިދާޅުވެފައެވެ. މަހުލޫފް އެމްޑީޕީއަށް ގުޅިވަޑައިގެންނެވި އިރު، އެބޭފުޅާ އެޕާޓީއާއި ގުޅޭނެކަމުގެ އަޑު ފެތުރެމުންދާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. މަހުލޫފް އެންމެ ފަހުން ހުންނެވީ ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. އެއަށްފަހު މިނިވަން މެންބަރެއްގެ ގޮތުގައި، އިދިކޮޅު ހަރަކާތްތަކުގައި މަހުލޫފް ވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސާލިހް ނެރުމަށް އެންމެ ފުރަތަމަ ގޮވާލެއްވި ބޭފުޅުންގެ ތެރޭގައި އަހުމަދު މަހުލޫފް ހިމެނިވަޑައިގަންނަވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް