އަނިޔާއަށްފަހު މެސީ އެނބުރިއައި މެޗުން ބާސާ ބަލިވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްޕްއިން ލީގުގައި ރެއާލް ބެޓިސް އަތުން އަމިއްލަ ދަނޑުގައި 3-4 ކުން ބާސެލޯނާ ބަލިވެއްޖެއެވެ. މިއީ ދެ އަހަރުތެރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ.
މެޗު ފަށައިން މޮޅަށް ކުޅުނު ބެޓިސްއަށް ކުރި ލިބުނީ 20 ވަނަ މިނެޓުގައި ފިރްޕޯ ޖަހައިދިން ލަނޑުންނެވެ. ސަންޗޭޒް ރޮޑްރިގޭޒް ބެޓިސްއަށް ޖަހައިދިން ދެވަނަ ލަނޑާއެކު ފުރަތަމަ ހާފް ނިމިފައިވަނީ 2-0 ކުން ބެޓިސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ބާސެލޯނާއިންވަނީ ކުޅުން ރަނގަޅުކޮށް ބެޓިސް ޕްރެޝަރަށް ވައްޓާލާފައެވެ. އޭގެ ނަތީޖާއަކަށްވީ ބެޓިސްއަށް ހެދުނު ގޯހަކުން ބާސެލޯނާއަށް ޕެނަލްޓީއެއް ލިބުމެވެ. މެސީވަނީ މި ޕެނަލްޓީ ގޯލުތެރެއަށް ވައްދާލައި މެޗު ތެރެއަށް ވަނުމަށް ބާސެލޯނާއަށް އިތުރު ހިތްވަރެއް ދީފައެވެ.
ނަމަވެސް ދެންވެސް ފެނިގެން ދިޔައީ ބެޓިސްއިން ލަނޑެއްޖަހައި އެޓީމުގެ ލީޑް ފުޅާކުރި ތަނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ކީޕަރު އެޅި ޅަ އެއްޗެއްގެ ފައިދާނަގައި ލޮ ސެލްސޯއެވެ. ހިތްވަރު އެލުވާނުލާ ކުޅުނު ބާސެލޯނާގެ ދެވަނަ ލަނޑުޖަހައި ފަރަގު ކުޑަކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި އަޓޫރޯ ވިދާލްއެވެ.

ބާސެލޯނާ ކުރަމުން ދިޔަ ހިތްވަރު ފެނަށް ދިޔައީ މެޗުގެ 81 މިނެޓުގައި މެދުތެރެއަށް ކުޅޭ ރަކިޓިޗްއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމައި ގުޅިގެންނެވެ. ބެޓިސްވަނީ މީގެ ފައިދާނަގައި 83 ވަނަ މިނެޓުގައި ލަނޑެއްޖަހައި ފަރަގު އިތުރަށް ބޮޑުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަނާލެސްއެވެ.
މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގައި ބާސެލޯނާގެ ތިންވަނަ ލަނޑުޖަހައިދިނީ އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައިސް މޮޅު ކުޅުމެއް ދެއްކި މެސީއެވެ.
މެޗުން ބަލިވި ނަމަވެސް ބާސެލޯނާ އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އެއީ ޖުމްލަ ބާރަ މެޗު ކުޅެގެންނެވެ. ހަމަ އެއަދަދަށް ކުޅެ ސެވިއްޔާ، އެޓްލެޓިކޯ މެޑްރިޑް އަދި އަލަވެސް އޮތީ 23 ޕޮއިންޓާއެކު ބާސެލޯނާގެ ފުލުގައި ވިއްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް