އެފްރިކާގެ މޮޅު ކުޅުންތެރިޔާކަން ސަލާހް ދިފާއުކޮށްފި
އެފްރިކާގެ މޮޅު ކުޅުންތެރިޔާކަން ޖެހިޖެހިގެން ދެވަނަ އަހަރު ލިވަޕޫލް އަދި މިސްރުގެ ތަރި ސަލާހް ހޯދައިފިއެވެ.
އުމުރުން 26 އަހަރުގެ ސަލާހް މި މަގާމް ދިފާއުކޮށްފައިވަނީ އޭނާއައި އެއްޓީމަކަށް ކުޅެމުން އަންނަ ސަޑިއޯ މާނޭ އަދި އާސެނަލްގެ ސްޓްރައިކާ ޕިއޭ އެމެރިކް އޮބާމެޔާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ސެނެގާލްގައި ބޭއްވި ހަފްލާއެއްގައި ސަލާހަށް މި އެވޯޑް ލިބުނުއިރު އޭނާ ބުނެފައިވަނީ މި އެވޯޑް ކާމިޔާބުކުރުމަކީ އޭނާ އެންމެ ކުޑައިރުންސުރެ ދެކުމުން އަންނަ ހުވަފެނެއް ކަމަށައި އޭނާއަށް މި އެވޯޑް ޖެހިޖެހިގެން ދެ އަހަރު ކާމިޔާބުކުރެވިއްޖެ ކަމަށެވެ.
މިދިޔަ ސީޒަނުގައި ސަލާހް ލިވަޕޫލްއަށް 44 ގޯލް ކާމިޔާބުކޮށްދިންއިރު އޭނާގެ މޮޅު ކުޅުމާއެކު ލިވަޕޫލްވަނީ ޗެންޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން ސަލާހްވަނީ ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި މިސްރަށް ދެ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ.
މި ސީޒަނަށް ބަލާއިރު އޭނާވަނީ ހުރިހާ މުބާރާތެއްގައި ކުޅުނު 29 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްފައެވެ.
ސަލާހް، މާނޭ، އަދި އޮބާމެޔާންގްގެ އިތުރުން އެފްރިކާގެ ޓީމް އޮފް ދަ އިޔާގައި މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރ އެރިކް ބެއިލީ، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރ ރިޔާޑް މަހްރޭޒް، ލިވަޕޫލްގެ މެދުތެރެއަށް ކުޅެމުން އަންނަ ނަބީ ކެއިޓާ އަދި ޓޮޓެންހަމްގެ ފުލްބެކް ސާޖް އޯރިއާ ހިމެނިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް