ސިއެރަ ލިއޯންގައި ރޭޕްއާއި ގުޅިގެން ކާރިސާގެ ހާލަތު އިއުލާންކޮށްފި
އެފްރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ސިއެރަ ލިއޯންގައި ރޭޕް އިތުރުވެ، ކާރިސާގެ ހާލަތު އިއުލާންކޮށްފިއެވެ.
އެގައުމުގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން މިފަދައިން އިއުލާންކޮށްފައިވަނީ، އެގައުމުގެ ފަސް އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްލުމާއި ގުޅިގެންނެވެ. މި މައްސަލައިގައި އެކުއްޖާގެ ތިމާގެ މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.
ކާރިސާގެ ހާލަތު އިއުލާންކުރައްވަމުން ރައީސް ވަނީ ކުޑަކުއްޖަކު ރޭޕްކޮށްފިނަމަ އެކަމުގެ ހުކުމަކީ އުމުރު ދުވަހުގެ ޖަލުބަންދުކަމަށް އިއުލާންކުރައްވާފައެވެ.
އަދި ހަމައެހެންމެ ރޭޕްގެ މައްސަަލަތައް ބެލުމަށް ޚާއްސަ ކޯޓަކާއި ފުލުހުންގެ ސެކްޝަނެއް އުފައްދަވާ، އެފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ހޮޓްލައިނެއްވެސް ރައީސް ވަނީ އުފައްދަވާފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ސިއެރަ ލިއޯންގައި ރިޕޯޓްކުރެވުނު ރޭޕްގެ ކޭސްތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައި ކޭސްތަކަކީ ކުޑަކުދިންގެ މައްސަލަތައްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް