ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތް ބާތިލްކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖޭގެ ބިންތައް، ބިދޭސީންނަށް ގަނެ މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް މަޖިލީހަށް ހުށައަޅަން ނިންމައިފިއެވެ.
މި އިސްލާހު ބާތިލްކުރުމަށް މަޖިލީހަށް ހުށައަޅުއްވަން ނިންމަވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ. ރިފާއު މިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގެނެވުނު އިސްލާހު ބާތިލްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ މި އިސްލާހު ފާސްވުން"، ރިފާއު ވިދާޅުވިއެވެ. ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ރިފާއު، މި އިސްލާހު ބާތިލްކުރުމަށް ހުށައަޅާއިރު، ގާނޫނަށް ބަދަލު ގެނައުމަށް ފުރަތަމަ ހުށައެޅުއްވީވެސް، ޕީޕީއެމްގެ ޕީޖީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރ އަހުމަދު ނިހާން ހުސައިން މަނިކެވެ.
ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ގެނައި މި އިސްލާހުގައި، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް އެ ބިމުން ބައެއް މިލްކުކުރެވޭ ގޮތަށް ކަނޑައެޅިއެވެ. ނަމަވެސް މިގޮތަށް މިހާތަނަށް އެއްވެސް އިންވެސްްޓްމެންޓްއެއް އައިސްފައިވާކަމަށް ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ޕީޕީއެމްއިން އެއިރުވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް