ގަވާއިދާއި ޚިލާފަށް ސަގާފީ ތަރިކަ ހޯދުމަށް ކޮންނަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފި
ސަގާފީ ތަރިކަތައް ހޯދުމަށްކަމަށްބުނެ ގަވާއިދާއި ޚިލާފަށް ކޮންނަމުންދާ މައްސަލައިގައި ހެރިޓޭޖް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ނެރުނު ނޫސްބަޔާނެއްގައެވެ.
ހެރިޓޭޖް މިިނިސްޓްރީން ބުނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން، ޤާނޫނާއި ޚިލާފަށް ސަގާފީ ތަރިކަތައް ހޯދުމަށާއި އާންމުކުރުމަށާއި އެނޫން ވެސް ބޭނުންތަކުގައި ތަންތަން ކޮނެހަދާކަން ފާހަގަކުރެވެމުންދާކަމަށެވެ. މިނިސްޓްރީން ބުނީ ޤާނޫނީ ގޮތުން ހުއްދަލިބިފައިވާ ފަރާތަކުން ވެސް މިފަދަ ތަންތަން ކޮންނަންވާނީ، ކޮނުމަށާއި ކޮނުމަށްފަހު އަމަލުކުރާނޭގޮތުގެ ތަފުސީލުތައް ޕްލޭންކޮށް އެކަމަށް ނަގަންޖެހޭ ހުއްދަތައް ނަގައިގެން ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން، ކަނޑައެޅޭ ސައިންޓިފިކް ހަމަތަކާއި، އެކަމަށް ޚާއްސަކުރެވިފައިވާ ތަކެތި ބޭނުންކޮށްގެންކަމަށެވެ.
އަދި އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތްތައް ނުހޯދައި، ބަލަހައްޓާނެ ގޮތުގެ ތަސައްވުރެއް ނެތި ކޮނުމަކީ ދެވޭ ގެއްލުމެއްކަމަށްވެސް ބުންޏެވެ. އަދި މިފަދަ ތަންތަން ކޮނުމަށް ބޭނުންކުރާ އާލަތްތައް ބޭނުން ނުކޮށް ކޮނުމަކީ ކަނޑައެޅިގެން އާސާރީ އަދި ތާރީޚީ އެއްޗަކަށް ގެއްލުން ލިބިދާނެ ކަމެއްކަމަށް ވަނީ ބުނެފައެވެ.
"މި ދެންނެވި ކަންކަމަށް ނުވިސްނައި ކަންކުރުމަކީ ޤާނޫނާއި އަދި މަރުކަޒުން ގެންގުޅޭ އުޞޫލުތަކާއި ޚިލާފުކަމެކެވެ. ޚާއްސަގޮތެއްގައ ކަމުގެ ތަޖުރިބާހުރި ދާއިރާގެ މީހުންގެ ބައިވެރިވުން ނެތި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ނުހޯދައި ތަންތަން ކޮނުމަކީ އެ ތަންތަނަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ވެދާނެކަމެކެވެ. އަދި ތަނުގެ އަސްލު ގެއްލިގެން ހިނގައިދާނެ ކަމެކެވެ"، މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެހެންކަމުން، ދެމެހެއްޓެނިވި ގޮތަކަށް ރައްކާތެރުކުރެވޭނެ ގޮތުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކޮށްގެން މެނުވީ މިފަދަ ތަންތަން ކޮނުމަކަށް ޤާނޫނު ތަންނުދޭކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެެހެންކަމުން ސަގާފީތަރިކައާ ގުޅޭ ތަންތަން، ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)އާ ޚިލާފަށް ނުކޮނުމަށާއި، އެތަންތަނަށް ގެއްލުންވެދާނޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެންމެހައި ފަރާތްތަކަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި ޤާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލް ކައުންސިލްތަކުގެ ޒިންމާ އެ ކައުންސިލްތަކުން އަދާކުރެއްވުމަށާއި، މި ޤާނޫގެ 50 ވަނަ މާއްދާގައި ބަޔާންކުރާ އާންމު ފަރާތްތަކުގެ ޒިންމާ އެފަރާތްތަކުން އަދާކުރެއްވުމަށާއި، މި ޤާނޫނުގެ ރޫހާ އެއްގޮތަށް ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަމަލުކުރުމަށްވެސް ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް