އިންޑިޔާއާއި އެއްވެސް އަސްކަރީ މައްސަލައެއް ނެތް: ޖެނެރަލް ޝިޔާމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިޔާގެ އަސްކަރިއްޔާއާއި ރާއްޖޭގެ އަސްކަރިއްޔާއާއި މެދު އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނެތްކަމަށް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ އިންޑިޔަން އޯޝަން ނޭވަލް ސިމްޕޯސިއަމް (އަޔަންސް) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ މީޑިޔާއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޝިޔާމް ވިދާޅުވީ ސިޔާސީ ގުޅުންތައް އޮތީ އެމަނިކުފާނުގެ އަތްޕުޅުގައި ނޫންކަމަށާއި ނަމަވެސް އިންޑިޔާގެ އަސްކަރިއްޔާއާއި ރާއްޖޭގެ އަސްކަރިއްޔާގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށްކަމަށެވެ.
އިންޑިޔާއަކީ ރާއްޖޭގެ ޒަމާންވީ އަސްކަރީ ބައިވެރިއެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާއާއި ގުޅިގެން އިންޑިޔާއިން ހިންގި އޮޕަރޭޝަން ކެކްޓަސް އަކީ ލާމަސީލު މިސާލެއް ކަމަށާއި، އެހެން ގައުމުތަކުން އެކަން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެކަމަށެވެ.
ދޭދޭ ގައުމުގެ އަސްކަރީ ގުޅުމާއި ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ އިންޑިޔާގެ އަސްކަރިއްޔާގެ އެހީ ބޮޑަށް ލިބެމުންދަނީ ސިފައިން ތަމްރީންކުރުމުގައި ކަމަށާއި އެކަމާއި މެދު އުފާކުރައްވާކަމަށެވެ. ރާއްޖޭގައި އޮތް އިންޑިޔާގެ ހެލިކޮޕްޓަރުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މޭޖަރ ޖެނެރަލް ޝިޔާމް ވިދާޅުވީ އިންޑިޔާގެ ހެލިކޮޕްޓަރުތަކުގެ ބޭނުން ބައެއްފަހަރު ނުހިފޭ ގޮތްވެސް ވާކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ޝިޔާމް ދެއްކެވީ މޫސުން ގޯސްވުމާއި، ލޭންޑިންގް ސަރަހައްދުތައް ބައެއް ރަށްރަށުގައި ނެތުމެވެ.
ޝިޔާމް އިތުރަށް ވަނީ މި ސަރަހައްދުގެ ސަލާމަތް ގުޅިފައިވަނީ ރާއްޖެއާއި ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ގުޅިފައިކަން ފާހަގަކުރައްވާ، އަބަދުވެސް ވަސީލަތްތައް އިތުރުކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް