ރައީސް ޔާމީންގެ ކެމްޕެއިން ފައިސާއަކީ ވަގަށްނަގާފައިވާ ފައިސާ: ރައީސް ނަޝީދު
ރައީސް ޔާމީންގެ އެކައުންޓްގައި ހުރިކަމަށް ބުނާ ކެމްޕެއިން ފައިސާއަކީ ވަގަށްނަގާފައިވާ ފައިސާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހއ.ކެލާގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ހައިކޯޓުން މިއަދު ދޫކޮށްލި ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 100 މިލިޔަން ރުފިޔާއަކީ ވޭތުވެދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށްދިން ފައިސާކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް ކެމްޕެއިން ނިމުނުއިރުވެސް ފައިސާ ހަރަދު ކޮށްފައިނުވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސަތޭކަ މިލިޔަން ރުފިޔާާ ހޯއްދެވީ ކޮންތަނަކުންތޯ ސުވާލުކުރަން ބޭނުން. ވިދާޅުވީ ކެމްޕެއިނަށް ދިން ފައިސާއޭ. ކެމްޕެއިން ނިމިއްޖެ ހަރަދެއްނުކުރި. އަޅުގަނޑުމެނަށް އެބަ އެނގޭ ކެމްޕެއިނަށް ދޭ ފައިސާ ވެސް ރިސިޕްޓްއާ އެކީގައިކަން އަންނަނީ. ކާކުތޯ ފައިސާދިނީ. އެއީ ވަގަށް ނަގާފައިވާ ފައިސާ. ކަނޑައެޅިގެން ވަގަށް ނަގާފައިވާ ދިވެހި ރައްޔިތުންގެ ފައިސާ އެ ފައިސާއެއް ދުލެއް ނުކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރިޝްވަތުގެ ގޮތުގައި މީހުންނަށް ބަހައި މާތް ރަސްކަލާންގެ ނަހީކުރައްވާފައިވާ ހުރިހާކަމެއްކުރަން އެ ފައިސާ ނުދެވޭނެ ކަމަށާއި އެ ފައިސާ ވަންނަންޖެހޭނީ ދިވެހި ދައުލަތުގެ ހަޒާނާއަށް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް