ހިޔާ ލިޔުން ހަވާލުކުރެވިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެކަން ކަށަވަރުވާނީ ކޮމިޓީން ނިންމުމުން - ނަޝީދު
ރައީސް ޔާމީން ސަރުކާރުން ތައާރަފުކޮށްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުކަމުގައިވާ "ހިޔާ" ގެ ޕްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކުރެވިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭކަން ކަށަވަރު ވާނީ "ހިޔާ" މަޝްރޫއުގައި ހުރި މައްސަލަތައް ބެލުމަށް ރައީސް ޞާލިހް ސަރުކާރުން އުފައްދަވާފައިވާ ކޮމިޓީން ނިންމުމުންކަމުގައި މިނިސްޓްރީ އޮފް ހައުސިން އާރބަން އެންޑް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވިގޮތުގައި މިހާރު ލިޔުން ހަވާލުކުރެވިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެކަން ނުވަތަ ނޫންކަން އެނގޭނީ މައްސަލަބަލާ ކޮމިޓީން ގޮތެއް ނިންމުމުންކަމަށެވެ.
މީގެއިތުރުން އިއްޔެ ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިމިނަތް އާތިފާ ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކޮމިޓީގެ މައުލޫމާތު އާންމުކުރާނެއެވެ.
"މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުން ދާނީ މިނިސްޓްރީގެ ދައުރު އޮވެގެނެއް ނޫން. މިކަމުގައި އަޅުގަނޑުމެންގެ އިތުރު ދައުރެއް ނޯންނާނެ، އެބޭފުޅުން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވެއްޖެ ހާލަތެއްގައި ފިޔަވައި،" މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ވަނީ ޕްލެޓް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރައްވާފައެވެ. އަދި އެއާއެކު އޭރުގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ތަރުޖަމާނު މަރިޔާ ދީދީ ވިދާޅުވަމުން ގެންދެވީ ޞާލިހް ގެ ސަރުކާރުގައި އަލުން ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅާނެކަމަށް ވިދާޅުވެފައެވެ.
ނިމިދިޔަ ސަރުކާރުގައި ޝަރުތުހަމަވާ ގިނަ ބަޔަކަށް ފްލެޓް ނުލިބިވާ އިރު ދިރިއުޅުމުގެ ހާލަތަށް ބަލައި ފްލެޓް ހައްޤުނޫން އެތައް ބަޔަކަށް ފްލެޓް ލިބިފައިވާކަމަށް ހައުސިންއަށް ވަނީ ޢާންމުންގެ ގިނަބަޔަކު ޝަކުވާ ހުށަހަޅާފައެވެ. މި ސަރުކާރުން އުފައްދަވާފައިވާ ކޮމިޓީން މައިގަނޑު ގޮތެއްގައި މި ޝަކުވާތައް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް