ޔާމީންގެ ވަށައިގެން ވަނީ ކެމެރާ ހަރުކޮށްފައި، ބޭރަށް ނިކުމެވަޑައިގަތުމުގެ ފުރުސަތެއް ނުދޭ: އަދުރޭ
ރައީސް ޔާމީން އާއި މެދު އަމަލުކުރަމުންދާ ގޮތާއި މެދު ޕީއެންސީގެ ވަގުތީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަށައިގެން ކެމެރާ ހަރުކޮށްފައިވާ ކަމަށާއި އަދި އެމަނިކުފާނަށް ގޮޅިން ބޭރަށް ނިކުތުމުގެ ފުރުސަތެއްވެސް ނުދޭ ކަމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސްގެ ވަގުތީ ލީޑަރު، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރުން ރައީސް ޔާމީން އާއި މެދު އަމަލުކުރަމުން ގެންދަނީ ވަރަށް އިހާނެތި ގޮތަކަށް ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ ވަށައިގެން ކެމެރާ ހަރުކޮށްފައި ހުރުމުގެ ސަބަބުން ހަރުކޮށްފައި ހުރުމުގެ ސަބަބުން އެމަނިކުފާނަށް "ނިދާ ހެދުން" ވެސް ބަދަލު ނުކުރެވޭ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ޖަލުގައި ބަންދުކުރި ފަހުން އެމަނިކުފާނާއި އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށާއި ފުލުހުން އަމަލު ކުރަމުން ގެންދަނީ ވެސް "ވަރަށް ދެރަވަރުކޮށް" ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުކުރަން އަމުރުކޮށްފައި ވަނީ ހެއްކަށް ނުފޫޒު ފޯރުވަން ރިޝްވަތު ދޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ތުހުމަތު ކޮށްފައިވާތީ އެވެ. ޕީޖީ އޮފީހުގެ އެ ތުހުމަތުތައް ރައީސް ޔާމީންގެ ވަކީލުން ވަނީ ދޮގުކޮށްފައެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް