މަހްލޫފާއި ގުޅޭގޮތުން އޭސީސީން ފޮނުވި ރިޕޯޓު އާއްމު ނުކުރާނެ: ތަރުޖަމާނު
އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ހިންގެވި ފައިސާގެ މުއާމަލާތާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލައިގައި އެންޓި ކޮރަޕްޝާން ކޮމިޝަން (އޭސީސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅެއްވި ރިޕޯޓް އާއްމު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނުއިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
"ވޮއިސްއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދު ވިދާޅުވީ، އޭސީސީން ތައްޔާރުކުރި ރިޕޯޓް ރައީސް އޮފީހުން އާއްމު ނުކުރާނެ ކަމަށާއި ރިޕޯޓާއި ބެހޭ މައުލޫމާތު ހޯދުމަށް އޭސީސީއަށް ގުޅުމަށް އެދިވަޑައިގެންފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އޭސީސީން ހާމަކުރި އިރު، ޔޫތް މިނިސްޓަރު މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ މަހްލޫފް އިސްތިއުފާ ދެއްވުމަށް ވެސް ގިނަ ބަޔަކު ގޮވާލުމާއި ގުޅިގެން މަހްލޫފް ވިދާޅުވެފައި ވަނީ އޭނާ އެސްއޯއެފް އާއި އެކު ކުރީ ސައްހަ މުއާމަލާތެއް ކަމަށެވެ.
މަހްލޫފް ނެރުއްވި ބަޔާނުގައި ވިދާޅުވީ އެސްއޯއެފުން އޭނާގެ ޑޮލަރު އެކައުންޓަށް ޖަމާކުރި ފައިސާއަކީ އޭނާގެ އާއިލާއިން " ދަ ޖީންސް" ގެ ނަމުގައި ވިޔަފާރިއެއް ކުރި އިރު، ކޮއްކޮ އަކު މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ކޮށްފައިވާ ސައްހަ މުއާމާލާތެއް ކަމަށެވެ.
އެހެން ނަމަވެސް މަހްލޫފް އެސްއޯއެފް އަތުން ޑޮލަރު ގަނެފައިވާ ކަމަށް ބުނާ މުއްދަތުގައި އެސްއޯއެފްގެ އަތުގައި ޑޮލަރުގެ މުއާމަލާތް ކުރުމުގެ ހުއްދައެއް ނެތެވެ.
އެގޮތުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް އޭސީސީން މީގެ ކުރިން "ވޮއިސްއެމްވީ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ކޮމިޝަނުގެ އެނގިފައިވާ ގޮތުގައި 13 ޖެނުއަރީ 2015 ގައި އެސްއޯއެފަށް ދޫކުރި ޑޮލަރު މާރުކުރުމުގެ ހުއްދަ 21 ޖޫން 2016 ގައި ބާތިލްކޮށްފައިވާ ކަމަށެވެ.
މަހްލޫފްގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުން ނުދާކަމަށް އޭސީސީން ވަނީ ދާދިފަހުން އޭނާއަށް އަންގާފައެވެ. އެހެން ނަމަވެސް ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މަހްލޫފް އާއި ގުޅޭގޮތުން އެ އޮފީހުން ބަލަމުން އަންނަ މައްސަލަ އަދި ނުނިމެއެވެ.
މަހްލޫފާއި ގުޅޭގޮތުން އޭސީސީން ރައީސް އޮފީހަށް ފޮނުވި ރިޕޯޓް އާއްމު ނުކުރާނެ ކަމަށް ބުނުމާއި ގުޅިގެން "ވޮއިސްއެމްވީ"ގެ ފަރާތުން ވަނީ އެސީސީއަށް ގުޅައިގެން ރިޕޯޓުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އޭސީސީގެ އިންފޮމޭޝަން އޮފިސަރގެ ފޯނު ނިއްވާލާފައިވާތީ މިކަމުގައި އެކޮމިޝަނުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް