އަހަރެން ބޭނުމީ ޖަހާކަށް ނޫނެވެ. ފިރުމާށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވަގެ މުއްދަތަށް ފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންނެވި އިރު އަދީބުގެ ހިތުގެ އުދާސްތައް ބޭރުކުރައްވައި އަސަރު ގަދަ މެސެޖެއް ކުރައްވައިފިއެވެ.
އަހުމަދު އަދީބު ބޭސްފަރުވާގެ މުއްދަތު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަތުމުގެ ކުރިން އިންޑިއާގައި ހުންނަވައިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އަދީބަކީ ދަތިކަމާއި މުސީބާތުގެ ވަގުތުގައި ތިބާ ދޫކޮށް ފިލާ ރައްކާވާނެ ދެފުށް ދެގޮތް މީހަކަށް ނުވާނެ ކަމަށެވެ.
''އަހަރެން ބޭނުމީ ދޭށެވެ. އަތުލާކަށް ނޫނެވެ. އަހަރެން ބޭނުމީ ފިރުމާށެވެ. ޖަހާކަށް ނޫނެވެ." އަދީބުގެ ޓުވީޓުގައި ވެއެވެ.
އަދީބު ވިދާޅުވި ގޮތުގައި އޭނާއަކީ ޒިންމާތަކުން ރެކޭނެ މީހެއް ނޫނެވެ. އަދި ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބު ދާރީވެ ތަހުގީގުތަކަށް ފުރިހަމަޔަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ގައުމަށް ހިދުމަތް ކުރަން ބޭނުންވާ މީހެއް ކަމަށާއި އުފަލާއި ދަތި ވަގުތުތަކުގައި ވެސް ގައުމަށް ހިދުމަތް ކުރުން ހުއްޓާނުލާނެ ކަމަށް ވިދާޅުވިއެވެ.
އަދި ޖަލުގައި ހުންނެވި އިރު ލިބިވަޑައިގެންނެވި އެންމެ ބޮޑު ފިލާވަޅަކީ ސުލްހަ އިސްކުރުން ކަމަށް ވެސް އަދީބު ލިޔުއްވާފައިވެއެވެ.
އަދީބުގެ މައްޗަށް ތަފާތު އެކިއެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް އެހުރިހާ ހުކުމަކުން އޭނާ މިހާރު ހުންނެވީ ސަލާމަތްވެފައެވެ. އަދީބުގެ މައްޗަށް އުފުލި ދައުވާގެ ހުކުމްތައް ބާތިލުކުރި އިރު ބައއް މައްސަލަތައް ވަނީ އަލުން ބަލަން ހުކުމްކޮށްފައެވެ. އެގޮތުން ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޖަލްސާގައި އަދީބުގެ 15 މައްސަލައެއް އަނބުރާ ފޮނުވާލުމަށް ވަނީ ނިންމާފައެވެ.
އޭގެ ތެރޭގައި ހައިކޯޓުން އަލުން ބަލަން އެންގި ފިނިފެންމާ ލޯންޗުކޮޅު މައްސަލައާއި ޅ. މާބިންހުރާ މައްސަލަ ހިމެނެއެވެ. އެ ދެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައި އޮތް 23 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް، އެމައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓަށް ވަނީ އަންގާފައެވެ.
ބޭސްފަރުވާއަށް ފަހު އަދީބު މާލެ ވަޑައިގަތީ މިއަދު މެންދުރު ފަހުއެވެ. އަދީބު ބޭސްފަރުވާއަށް ފޮނުވާލީ މިދިޔަ ޖޫންމަހުގެ 14 ގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް