އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަވާނީ އަންނަ މަހު!
އަރަބި އިސްލާމީ މުގައްރަރަކަށް ތައުލީމު ފޯރުކޮށްދެމުންދާ އަރަބިއްޔާ ސްކޫލްގެ ޓީޗަރުން ހަމަވާނީ އަންނަ މަހުކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ސުޖާޢު އަބްދު ރަސީދު ވިދާޅުވެއްޖެއެވެ.
ޓީޗަރުން ހަމަ ނުވާ މައްސަލާގައި "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސުޖާޢު ވިދާޅުވި ގޮތުގައި އަލް އަޒްހަރު ޔުނިވާސިޓީން އަންނަން ހަމަ ޖެހިފައިވާ 22 ޓީޗަރުންގެ ތެރެއިން މިހާތަނަށް އައިސްފައިވަނީ 4 ޓީޗަރުންކަމަށެވެ.
ބާކީ 18 ޓީޗަރުން މަސްދުވަސް ތެރޭގައި ރާއްޖެ އަންނާނެކަމަށް ޕްރިންސިޕަލް މައުލޫމާތު ދެއްވައެވެ.
"ޓީޗަރުން ހަމަ ނުވެގެން އުޅެނީ އަޒްހަރުގެ ސިލެކްޝަން ލަސްވާތީ ކަމަށް ބެލެވެނީ، މިކޮޅުން މިދިޔަ އަހަރު ޖޫން މަހު ރިކުއެސްޓްކޮށްފައި އިނީ. އަޒްހަރުން އަޅުގަނޑުމެން އެދުނު 22 ޓީޗަރުން ހަމަޖެހޭނެކަން ވަނީ ލަންކާ އެންބަސީއާއި ވެސް ކޮމިއުނިކޭޓް ކުރައްވާފަ." އަރަބިއްޔާ ޕްރިންސިޕަލް ސުޖާޢު ވިދާޅުވިއެވެ.
ޓީޗަރުން މަދުވާ މާއްދާތަކުގެ ކްލާސްތައް އިސްލާމިކް ޔުނިވާސިޓީ އަދި ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން ގެންދަވަނީ ނަގައިދެމުންކަން ޕްރިންސިޕަލް ފާހަގަކުރެއްވެވިއެވެ.
އަރަބިއްޔާއަށް ޓީޗަރުން ހަމަނުވާ އިރު މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ޓީޗަރުން ހަމަވެފައިވާކަމަށް ވިދާޅުވެފައެވެ.
އަރަބިއްޔާ އަކީ ރާއްޖޭގައި ހަމައެކަނި އަރަބި މުޤައްރިރަށް ކިޔަވައިދެމުން އަންނަ ސްކޫލްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ސްކޫލްގައި ޓީޗަރުން ގޮތުގައި ގިނަ އަދަދެއްގެ އަޒްހަރު ޓީޗަރުން ކިޔަވައިދެމުން ގެންދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް