އެމްޑީއެންގެ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމައިފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ހިންގުމަށް ދީފައިވާ ރަޖިސްޓްރީ ބާތިލްކޮށް، އެ ޖަމްއިއްޔާ އުވާލުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.
މިކަން ޔޫތު މިނިސްޓްރީން ދާދި ދެންމެއަކު ވަނީ އިއުލާންކޮށްފައެވެ.
އެ އިއުލާނުގައި ބުނީ ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންގެންދާ ޖަމްއިއްޔާއެއްކަމުގައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި އިސްލާާމްދީނަށް ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން އެ ޖަމްއިއްޔާ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުން ފެށިގެން ސަސްޕެންޑް ކުރެވުނުކަމަށެވެ.
މި މައްސަލައިގައި ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި މަސައްކަތުން އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ވާހަކަތަކެއް ހުރިކަމަށް ފެނިފައިވާކަަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން އެ ޖަމްއިއްޔާގެ ރަޖިސްޓްރީ މިއަދުން ފެށިގެން ބާތިލްކުރުމަށް ނިންމައި، ދަރަންޏާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށް 45ދުވަހުގެ މުއްދަތެއް ދެވިފައިވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް