އަދުހަމް ގާސިމަށް ހަމަލާދިނީ ފޭރުމުގެ ތެރެއިން: ފުލުހުން
ހުޅުމާލޭގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ގާސިމް ހަސަނަށް އޭނާގެ ގާާތިލްކަމަށް ތުހުމަތުކުރެވޭ އަދުހަމް މުހައްމަދު ހަމަލާދީފައިވަނީ ފޭރުމުގެ ތެރެއިން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޞާމިހު ވިދާޅުވީ ގާސިމަށް ހަމަލާދީފައިވަނީ ފޭރުމުގެ ތެރެއިން ކަމަށް ފުލުހުންގެ ތަހުގީގަށް އަދުހަމް އިއުތިރާފްވެފައިވާ ކަމަށެވެ. އަދި ގާސިމްގެ ޓެކްސީއަށް އަދުހަމް އަރާފައިވަނީ އެއާޕޯޓުންކަމަށްވެސް ވަނީ ބުނެފައެވެ.
އަދުހަމް ވަނީ އޭނާ އެއާޕޯޓަށް ދިޔަ ޓެކްސީންވެސް ފޭރުމުގެ ވިސްނުމެއް ގެންގުޅެފައެވެ. އަދުހަމް އެއާޕޯޓުގައި ފޭރެން ކުރި މަސައްކަތް ފުލުހުން ގިނަވުމުގެ ސަބަބުން ނާކާމިޔާބުވެގެން ދިޔަކަމަށް އޭނާ ބުނިކަމަށް ސާމިހު ވަނީ ވިދާޅުވެފައެވެ. އަދި އެއަށްފަހު އެއާޕޯޓު ޓެކްސީ ކިއުއިން ގާސިމްގެ ޓެކްސީއަށް އަދުހަމް ވަނީ އަރާފައެވެ.
އެ ޓެކްސީން ހުޅުމާލޭ ހާފްވޭ ހައުސް ސަރަހައްދަށް ފެ ފަހަރު އޭނާ ދިޔަކަމަށް ތަހުގީގަށް އެނގިފައިވާކަމަށް ސަބް އިންސްޕެކްޓަރ ސާމިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން ދެވަނަ ފަހަރު އެ ސަރަހައްދުގައި މީހުން މަދުވުމުން ފަހަތު ސީޓުގައި އިނދެ އޭނާ ވަނީ ގާސިމަށް ވަޅިން ބިރުދައްކައި ފޭރެން މަސައްކަތްކޮށްފައެވެ.
އެކަމުގެ ތެރޭގައި ގާސިމް އެހީއަށް އެދި ހަޅޭއްލަވަން ފެށުމުން އަދުހަމް ވަނީ ވަޅީގެ ކޮޅުން ގާސިމްގެ ކަރުގައި ޖައްސާފައެވެ. މި ހަމަލާއިން ސަލާމަތްވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ގާސިމް ވަޅީގެ ތިލައިގައި ހިފުމުގެ ސަބަބުން އޭނާާގެ އިނގިލިތަކަށްވެސް ބޮޑެތި ޒަހަމްތަކެއް ލިބުނުކަމަށް ސާމިހު ވިދާޅުވިއެވެ.
މި ހަމަލާއަށްފަހު އަދުހަމް ވަނީ އެ ސަަރަހައްދު ދޫކޮށް، ލައިގެން ހުރި ގަމީސް ބަދަލުކުރުމަށްފަހު ފިލައިގެން މާލެއަށް ގޮސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް