ބަޖެޓް 2019: އާސަންދައަށް އެއް ބިލިއަން ރުފިޔާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އިޖްތިމާއީ ރައްކާތެެރިކަމުގެ ދާއިރާގެ ތެރެއިން ހިލޭ ބޭސްފަރުވާ ކުރެވޭ އާސަންދައިގެ ނިޒާމަށް އެއް ބިލިޔަން ރުފިޔާ ކަނޑައަަޅައިފިއެވެ.
މިއަދު މަޖިލީހުގެ ތަޅުމަށް ހުށައެޅިގެންދިޔަ ދައުލަތުގެ ބަޖެޓްގައިވާ ގޮތުގައި އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގެ ދަށުން ގާތްގަނޑަކަށް 3.8 ބިލިޔަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެއް ބިލިޔަން ރުފިޔާ އާސަންދައަށް ކަނޑައަޅާފައިވާހިނދު، 69 މިލިޔަން ރުފިޔާ ވަނީ ބޭސްފަރުވާއަށްދޭ އެހީގެ ގޮތުގައި ކަނޑައެޅިފައެވެ.
އާ ސަރުކާާރުގެ ފުރަތަމަ އަހަރުގެ ބަޖެޓްގައި އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރާ ހަރަދުގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ. އާ ސަރުކާރުގެ ފަރާތުން އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމަށް ނިންމަވާފަައިވާކަން ރަސްމީ ސިފައެއްގަައި އިއުލާންކޮށްފައެއް ނުވެއެވެ.
އަދި އެހެންމެ ކުޑަކުދިންނާއި އާއިލީ ހިދުމަތްތައް ދިނުމަށާއި ޔަތީމު ކުދިންނާއި ބަލަދުވެރިކަން ނެތްފަރާތްތަކަށް ކުރާ ހަރަދުތަކަށްވެސް ބަޖެޓްގައި ވަނީ ފައިސާ ކަނޑައެޅިފައެވެ.
މި ބަޖެޓްގައިވެސް ވަނީ ގިނަ ސަބްސިޑީ ތަކަށް ފައިސާ ދޫކުރުމަށް ނިންމާފައެވެ. އެގޮތުން ތެޔޮ، ކަރަންޓު، ކާބޯތަކެތި އަދި ކުނިއުކާލުން އަގުހެޔޮކުރުމަށް ސަބްސިޑީ ދިނުމަށް ވަނީ ހިމަނާފައެވެ. މި ސަބްސިޑީތަކުގެ ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ އެއް ބިލިޔަން ރުފިޔާއެވެ.
އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާއަށް މިފަހަރުގެ ބަޖެޓްގައި 3.8 ބިލިޔަން ރުފިޔާ ކަނޑައެޅިފައިވާއިރު، އޭގެ ތެރެއިން 99 އިންސައްތައަކީ ރިކަރެންޓް ހަރަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް