ތުރުުކީން ހަދިޔާކުރި މަނަވަރު ރަސްމީކޮށް ހަވާލުކޮށްފި، ނަމަކީ "ދަރުމަވަންތަ"
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ތުރުކީވިލާތުންރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުހައްމަދު މުޢިއްޒު އެވެ.

މި މަނަވަރު ގައުމީ ދިފާއީ ބާރާ ހަވާލުކޮށްދެއްވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑާ އެޑްމިރަލް ކާދިރް ޔިލްޑްޒް އެވެ. ގައުމީ ދިފާއީ ބާރުގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި، މަނަވަރުގެ ހިދުމަތް ފެށުމުގެ ލިޔުމާއި ރާއްޖޭގެ ގައުމީ ދިދަ ހަވާލުކޮށްދެއްވާފަ އެވެ. މި ރަސްމިއްޔާތުގައި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާފައިވެ އެވެ. ރައީސް ވަނީ މަނަވަރު ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް