އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ކުރަނީ ދޮގު ތުހުމަތުތަކެއް: ނަސީރު
އެމްއެމްޕީއާްރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ކުރަނީ ދޮގު ތުހުމަތުތަކެއްކަމަށް މިއަދު މަގާމުން އިސްތިއުފާދެއްވި އެމްއެމްއޭގެ ކުރީގެ ގަވަރނަރ އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ނަސީރުގެ މައްޗަށް ވަނީ އެފްއައިޔޫއިން ތަހުގީގުކުރަމުންދިޔަ އެމްއެމްޕީއާރްސީއާއި ގުޅުންހުރި މައްސަލަތައް ފުލުހުންނަށް ނުފޮނުވުމަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކުރެވިފައެވެ. އެގޮތުން އެފްއައިޔޫގެ ކުރީގެ ހެޑް އަހުމަދު އަޝްރަފް ވަނީ އެފަދަ ކަންކަން ކުރިކަމުގެ ތުހުމަތު ނަސީރުގެ މައްޗަށް އުފުއްލަވާފައެވެ.
މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ކުރީގެ ގަވަރނަރ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިގެން އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު އެކި އެކި މަގާމުތަކުގައި ތިބި އެމްއެމްއޭގެ ކުރީގެ އިސްވެރިންގެ މައްސަލަތައް ބެލުމަށް މަސައްކަތްކުރުމުން ނަސީރުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅުވީކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ނަސީރު ވިދާޅުވި ގޮތުގައި އެމްއެމްއޭގެ އޭރުގެ ލީޑަޝިޕުން އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި އާދަޔާ ހިލާފަށް ގިނައިން ވަކިން ބައްދަލުކޮށްފައިވާކަން، އެމްއެމްއޭގެ ރެކޯޑުތަކުން ފެންނަން އެބައޮތްކަމަށެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ މިދަނޑިވަޅުގައި، ސިޔާސީ ނުވަތަ އެނޫން ވެސް ބޭނުމެއްގައި، އެބޭފުޅާގެ މައްޗަށް ރަނގަޅު ނޫން ތުހުމަތުތަކެއްކޮށް، އެބޭފުޅާއަށް އަމާޒުކޮށްގެން ހިންގާ ކަންތައްތަކެއްގެ ސަބަބުން، ވޭތުވެދިޔަ އަހަރުތަކުގައި އެމްއެމްއޭއަށް ހޯދިފައިވާ ކުރިއެރުންތައް ގެއްލިގެން ދިއުމަކީ އެދޭ ގޮތެއް ނޫންކަމަށެވެ.
ނަސީރުގެ ބަޔާނުގައި ވަނީ ކުއްލިގޮތަކަށް އެބޭފުޅާ އެމްއެމްއޭގެ ގަވަރނަރކަމުން އިސްތިއުފާ ދެއްވި ސަބަބުވެސް ހާމަކުރައްވާފައެވެ.
"އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ސަބަބުން އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގެ ހައިބަތާއި ގަދަރަށާއި އެމްއެމްއޭއަށް އުނިކަން ލިބުމަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށް ލިބޭ ގެއްލުމަށް ވުރެ މާ ބޮޑު ގެއްލުމެއް ކަމަށެވެ. އަޅުގަނޑަށް ފެނުނީ އަޅުގަނޑު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުރެގެން އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވޭ ތާކުންތާކުން ނުޖެހޭ ކަންތައްތަކާ ކުރިމަތިލުމުގެ ބަދަލުގައި، އެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު، އެއެމްއޭއަށާއި އަޅުގަނޑަށްވެސް މާ ފައިދާ ބޮޑުވާނެ ކަމަށެވެ." ނަސީރު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް