ނަފްސާނީ ބައްޔެއް ޖެހުމަކީ މީހާ ދެރަވެ އުނިވުމެއް ނޫން: ރައީސް ސޯލިހު
ނަފްސާނީ ބައްޔެއް ކުރިމަތިވުމަކީ މީހާ ދެރަވެ އުނިވުމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކަށް ގާއިމްކުރި ސެންޓަރ ފޮރ މެންޓަލް ހެލްތް ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ނަފްސާނީ ބަލީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ތިމާއަށް ނޭނގިވެސް ނަފްސާނީ ބަލި ތަހައްމަލްކުރާ މީހުން މަދު ނޫންކަމަށެވެ. ނަމަވެސް ނަފްސާނީ ބަލި ޖެހުމަކީ މީހާ ދެރަވުމެއް ނޫންކަމަށާއި ނުވަތަ މީހާ އަށް އުނިކަމެއް އައުމެއްވެސް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ނަފްސާނީ ބަލިތައް ތަހައްމަލުު ކުރަމުންދާ ފަރާތްތަކުން ފަރުވާ ހޯދަން އުޅޭ ހާާލާއި މެދު އެމަނިކުފާނު ހަމްދަރުދީވާ ކަމަށް ވިދާޅުވެފައެވެ.
"ނަފްސާނީ ބައްޔަކީވެސް އެހެން ބަލިތައް ޖެހޭ ފަދައިން ޖެހޭ ބައްޔެއް. ނަފްސާނީ ބައްޔެއްގެ އަސަރުކޮށްފައިވާ މީހާވެސް އެކަށީގެންވާ ފަރުވާ ހޯދުމުން އެކަމަށް ލުޔެއް ލިބޭނެ. މިކަމުގައި އަޅުގަނޑު އެންމެ ދެރަވަނީ ނަފްސާނީ ބަލި ތަހައްމަލްކުރާ މީހުން ފަރުވާ ހޯދުމަށް އުޅޭ ހިތްދަތި ހާލާ މެދު"، ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ތިބި ނަފްސާނީ ބަލީގެ މަދު ތަޖްރިބާކާރުންނަށް ދެއްކުމަށް، ނަން ނޯޓްކޮށްފައި ތިބި މީހުންގެ ވެއިޓް ލިސްޓު އެހާމެ ދިގު ކަމަށާއި އެކަމަށް ބޭނުންވާ ބޭސް ފަސޭހައިން ލިބެން ނެތްކަމަށެވެ. އަދި އޭގެ އިތުރުން އެކަމަށް ފަރުވާދޭނެ އެކަށީގެންވާ މަރުކަޒެއް ވެސް ރާއްޖެއަކު ނެތްކަމަށްެވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު މިހުޅުވި މެންޓަލް ހެލްތް ސެންޓަރަކީ ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ މަރުކަޒަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންގެ އުނދަގޫތައް، ހަމައެކަނި މި މަރުކަޒުން މުޅިން ޙައްލު ނުވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަކީ ނަފްސާނީ ބަލީގެ މާހިރެއް ނޫން. އެކަމަކު އަޅުގަނޑަށްވެސް އެނގިފައިވާ ގޮތުގައި، ނަފްސާނީ ބަލި ތަޙައްމަލްކުރާ ގިނަ މީހުންނަށް، އެމީހުންގެ ޙާލަތު ބުނެދޭކަށް ނޭނގެ. އަދި މުޖްތަމަޢުން އެކަމާ ދެކޭނެ ގޮތް ހިތަށްއަރާފައި، އެކަމަށް ފަރުވާ ހޯދަން ވެސް ޖެހިލުންވޭ. އެފަދަ އުނދަގޫތައް ތަޙައްމަލްކުރަމުންދާ މީހުންނަށް އަޅުގަނޑުގެ އޮތް އިލްތިމާސަކީ އެކަނި މިބުރަ އުފުއްލަވަން ނުހައްދަވާށޭ. ނަފްސާނީ ބަލީގެ ތަޖްރިބާކާރެއްގެ އެހީ ހޯއްދަވާށޭ. އަޅުގަނޑުމެން އެންމެންވެސް މިތިބީ ތިބޭފުޅުންނާ އެކުގައި"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް