ފެބްރިގާސް ފްރާންސްގެ މޮނާކޯއަށް ބަދަލުވެއްޖެ
ޗެލްސީގެ މެދުތެރެއަށް ކުޅެމުންއައި ފެބްރިގާސް ފްރާންސްގެ މޮނާކޯއަށް ބަދަލުވެއްޖެއެވެ.
ފެބްރިގާސް ޗެލްސީއާއި ގުޅުނީ 2014 ވަނަ އަހަރު ބާސެލޯނާއިންނެވެ. ބާސެލޯނާއަށް ކުޅުމުގެ ކުރިން އޭނާވަނީ 2003 ކުން 2011 އައި ދޭތެރޭ އާސެނަލްއަށް 303 މެޗު ކުޅެދީފައެވެ.
ފްރާންސްގެ ކުރީގެ ތަރި އޮންރީ އިރުޝާދު ދެމުން އަންނަ މޮނާކޯއަށް ބަދަލުވުމައި ބެހޭގޮތުން ފެބްރިގާސް ބުނީ މިއީ އައު ޕްރޮޖެކްޓެއް ކަމަށައި މި ބަދަލައި ދޭތެރޭ އޭނާ ފަހުރުވެރިވާ ކަމަށެވެ. މޮނާކޯއަށް ބަދަލުވީ ޓީމަށް އެހީތެރިވާން ކަމަށައި ފުރަތަމަ އެގާރައިގަ ހިމެނިގެން މެޗުތައް ސްޓާޓް ކުރުމަށް ތައްޔާރަށް ހުރިކަމުގައިވެސް ފެބްރިގާސް ބުންޏެވެ.
ފެބްރިގާސް މޮނާކޯއަށް ބަދަލުވެފައިވަނީ ޗެލްސީއަށް ޓްރާންސާ ފީ އެއް ނުދައްކާ ކަމަށައި ފެބްރިގާސް ދަނޑުމަތީ ދައްކާ ކުޅުމަށް ބަލާ އެޓީމުން ޗެލްސީއަށް ދިނުމަށް ހަމަޖެހިފައިވަނީ ބޯނަސް އަދަދުތަކެއް ކަމުގައި އިނގިރޭސި މީޑިއާތަކުންވަނީ ރިޕޯޓް ކޮށްފައެވެ.
އާސެނަލްއާއެކު އެފްއޭ ކަޕް ހޯދުމަށްފަހު ފެބްރިގާސްވަނީ ބާސެލޯނާއަށް ބަދަލުވެ ސްޕެއިން ލީގުގެ އިތުރުން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ޗެލްސީއާއެކު އެނބުރި ޕްރިމިއާ ލީގަށް އައުމަށްފަހު އޭނާވަނީ އިނގިރޭސި ޕްރިމިއާ ލީގް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް