ކަނޑު އަޑީގައި ނައިޓް ކުލަބެއް އަޅަން އަޅުގަނޑު ނިންމައިފިން: ޖާބިރު
ރާއްޖޭގެ ކަނޑު އަޑީގައި ނައިޓް ކުލަބެއް އަޅަން ނިންމާފައިވާކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މަސްވެރިކަމާ ބެހޭ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވައި ދެއްކެވި ވާހަކައިގައެވެ.
ބިލަށް ބަހުސްކުރައްވަމުން ޖާބިރު ވިދާޅުވީ، އޭނާ މިހާރު މަސައްކަތް ފަށާފައި ވަނީ ކަނޑު އަޑީގައި ނައިޓް ކްލަބެއް އަޅަން ކަމަށާއި އެ ނައިޓް ކްލަބް އަޅާނީ އެންދެރި ގަސްތަކެއް ކައިރީ ކަމަށެވެ. އަދި އެއްވެސް ކަމެއް ނުކުރެވިގެން އުޅެނީ ތިމާވެށި ހިމާޔަތްކުރަން ހަދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރުގެ ވާހަކައިގައިވަނީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ކަނޑު އަޑީގައި ރެސްޓޯރެންޓްތަކާއި މަސާޖު ޕާލާތައްވެސް ހަދާފައިވާކަމަށް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އީޔޫ ހިތްހަމަ ޖައްސަން އެމީހުން ބުނިހާ ކަމެއް ރާއްޖެއިން ކުރާއިރު، ދިވެހި މަސްވެރިންނަށް ދެ ބިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށެވެ.
މީގެއިތުރުން ޖާބިރުގެ ވާހަކައިގައި ވަނީ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ބައިނަލް އަގްވާމީ މުއާހަދާތަކުން ކުރަމުންދާ މަސައްކަތަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގައި ވެސް ގާނޫނަކުން ހިމާޔަތްކޮށްފައިވާ ވެލާ، ކަހަނބު، މިޔަރު ވެސް ހިފޭނެ ކަމަށާއި އަދި އެންދެރި ވެސް ނެގޭނެ ގޮތެއް އޮންނަންޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ޖާބިރު ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ މަސްވެރިއަކަށް ކޮންމެ މަހަކު 2000 ޑޮލަރު ދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް