ލުތުފީގެ ޖިންސެއް އަތުގައި އެބައޮތް: ޔޫސޭ
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ބާޣީ އަބްދުﷲ ލުތުފީގެ ޖިންސެއް އަތުގައި އެބައޮތް ކަމަށް އެ ހާދިސާ ވަރަަށް ކައިރިން ދެކެފައިވާ ޔޫސުފް ރަފީއު ބުނެފިއެވެ.
"19 ޝަހީދުންގެ ހަނދާން ނުނެތޭ" މިނަމުގައި އިދިކޮޅު ފަރާތްކަށް ހާއްސަ ކޮށްގެން، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަމުން ޔޫސޭ ބުނީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ދިން ދުވަހު ލުތުފީ އުޅުނު ގޮތް އޭނާއަށް ވަރަށް ގާތުން ފެނުނު ކަމަށެވެ. އެގޮތުން ލުތުފީގެ ޖިންސެއް ފެނުމުން އެ ނަގާ ފޮރުވީ ތާރީހީ އެއްޗެއްގެ ގޮތުގައި ހަނދާނަކަށް ބޭއްވުމުގެ ގޮތުގައި ކަމަށެވެ.
މިރޭގެ ހަފްލާގައި ވާހަކަ ދައްކަމުން ޔޫސޭ ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ހަމަލާ ދިނުމަށް އެރި ދުޝްމަނުންގެ އަމަލުތައް ހުރިގޮތް ހިއްސާ ކޮށްފައެވެ. ޔޫސޭ ބުނީ، ދައުކަތުގެ މީޑިއާގައި ހުރި ވީޑިއޯ ފުޓޭޖްތަކެއް ހޯދަން ދުޝްމަނުން އެދުނު ކަމަށާއި، މުޅި މާލޭގެ ބްލޫ ޕްރިންޓެއްވެސް ދުޝްމަނުން ނެގި ކަމަށެވެ.
3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ ހަނދާންތަކުގެ ތެރެއިން، މިހާރު ފެންނަން ހުރި ވީޑިއޯ ކްލިޕްތަކުގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު އެއް ކްލިޕްގައި ޔޫސޭ ދުޝްމަނުންނާއި ކުރިމަތިލާ މަންޒޒަރު ފެނެއެވެ. ލުތުފީ ވަނީ އެދުވަހުގެ އުދުވާނުގައި ބައިވެރި ނާސިރަށް ވަރަށް ރުޅިވެރިކަމާއެކު މުހާތަބު ކޮށްފައެވެ.
މިރޭގެ ހަފްލާގައި ވާހަކަ ދެއްކިއިރުވެސް ޔޫސޭގެ ޝުއޫރުތައް ހުރީ އެފަދަ ގޮތަކަށެވެ. އޭނާގެ ލޭގައި ހުރީ ގައުމީ ފޯރިއާއިި ޖޯޝެވެ. ޔޫސޭ ވަނީ އޭނާގެ ވާހަކަ ނިންމާލަމުން، ލާދީނީ ފިކުރުތަކުން ރާއްޖެ ސަލާމަތް ކޮށްދިނުމަށް އެދި ދުއާ ކުރަމުންނެވެ.
ނޮވެމްބަރު 3ގައި ޔޫސޭ ވަނީ އެދުވަހުގެ ހަމަލާގައި ޒަހަމްވި މީހުންނަށް އެހީތެރިވުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިރޭގެ ޖަލްސާގައި ޔޫސޭ ބުނީ، ލުތުފީ ޝަހީދު ކޮށްލީ ހަމައއެކަނި 19 ދިވެހިން ނޫން ކަމަށާއި، އޭނާ ގެއްލުން ދިނީ މުޅި ދިވެހި ގައުމަށް ކަމަށެވެ.
ފޮޓޯ: ސަންއޮންލައިން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް