މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.
ކޮމެޓީން މި ގޮތަށް ނިންމީ ދެންމެ ބޭއްވި ބައްދަލްވުމުގަ އެވެ. ހުޅުވާލައިގެން ފެށުމަށް ފަހު މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށް ކަަމަށް ބުނެ ކޮމެޓީގެ ފަހު ބައި ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.
ކޮމެޓީގެ ނިންމުމުގައި ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީ ނިންމި ނިންމުން ސައްހަ ކަމަށް ކޮމެޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ކަމުން ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ނިންމާ މައްސަަލައާމެދު ގޮތް ނިންމަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ވަނީ ފާަސްކޮށްފަ އެވެ.
އެހެން ކަމުން މި މައްސަލާގައި ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު އަދި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ.
ފަނޑިޔާރަކު މަގާމުން ވަކިވާނީ، ފަނޑިޔާރަކު ވަކިކުރަން ޖެހޭ ކަމަށް ޖޭއެސްސީގެ ޖަލްސާއަކުން ފާސްކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމީ، ކޮމިޝަނުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުތޯ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލައި ދިރާސާކުރުމަށްވެސް ފަހުގައެވެ.
އަދި ކޮމިޓީން ވަކިކުރާން ނިންމައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފަނޑިޔާރު ވަކިކުރަން ފާސްކުރުމުންނެވެ.
މި ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވައިލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއްވެސް އެދުވަހު ތާވަލްކޮށްފައި އޮއްވައެވެ.
ސަސްޕެންޑް ކޮށްފައުވަނިކޮށް ސުޢޫދު ވަނީ، މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މަހާޒާއި އަޒްމިރަލްދާ ސަސްޕެންޝަނުގައި ހުންނެވުމުން، ފަނޑިޔާރުންގެ ބެންޗު ހަމަނުވާތީ ގޮނޑި ގެއްލޭ މައްސަލަ އޮތީ އަދިވެސް މަޑުޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް