ޕޮލިސް ސެޓްފިކެޓް ޕޯޓަލްއާއެކު ޕޮލިސް ރެކޯޑް ހޯދުމަށް ބޮޑު ސަފޭހަކަމެއް!
ކުރިއަށްއޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ތެރޭގައި ހިމެނޭ ރައްޔިތުންނާއި ގާތުން އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޕޮލިސް ސެޓްފިކެޓްގެ ޙިދުމަތް "ޕޮލިސް ސެޓްފިކެޓް ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.
"ޕޮލިސް ސެޓްފިކެޓް ޕޯޓަލް" ނަމުގައި އުފެއްދި މި ޚިދުމަތް އިފްތިތާހުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ފުލުހުންގެ މަރުކަޒުތަކަށް ޕޮލިސް ސެޓްފިކެޓް ހޯދުމަށް އެދެމުންދާކަމަށާއި މި ޚިދުމަތް މެނުއަލް ޕްރޮސެސްއަކުން ދުރަސްގޮސް، އިލެކްޓްރޯނިކް ޚިދުމަތެއްގެ ގޮތުގައި ތަޢާރަފްވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ފަސޭހައެއްކަމަށްވިދާޅުވިއެވެ. އަދި މިއަދު އިފްތިތާޙުކުރި " ޕޮލިސް ސެޓްފިކެޓް ޕޯޓަލް" ގެ އެންމެ ބޮޑު ފައިދާއެއްކުރާނީ ދިވެހި ރައްޔިތުންނަށްކަމަށާއި އެގޮތުން ސެޓްފިކެޓް ހޯދުމަށްޓަކައި ރައްޔިތުން ހޭދަކުރަމުންދާ ވަގުތުތަކާއި އުނދަގޫތަކަށް ވަރަށް ބޮޑު ފަސޭހައެއް އަދި ހެޔޮބަދަލެއް އަންނާނެ ޚިދުމަތަކަށް މިޚިދުމަތް ވެގެންދާނެކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު މިޚިދުމަތަކީ 2019-2024 އަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ހަ ޕްރައޯރިޓީތަކުގެ ތެރެއިން އޮގަނައިޒޭޝަނަލް ރީފޯމް އަދި ޓްރާންފޮމޭޝަންގެ ތެރޭގައި ހިމެނޭ ރައްޔިތުންނަށް ފަސޭހަގޮތްތައް މަގުފަހުކޮށްދީ ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވައި، ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރަމަށް ކުރަމުންދާ މަސައްކަތްތަކުގައި ޓެކްނޮލޮޖީ އޭގެތެރޭގައި ހިމެނިގެން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރެވިގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ބިއުރޯ އޮފް ކްރައިމް ރެކޯޑްސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝަރީފް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޕޮލިސް ސެޓްފިކެޓް ޕޯޓަލް ފަރުމާކުރެވި، ބޭނުންކުރަންފެށުމާއި ގުޅިގެން އޮންލައިކޮށް ސެޓްެފިކެޓަށް އެދުމުގެ މަގު ފަހިވެގެންދާނެކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުން މި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ޒަމާނީ ޚިދުމަތެއް ފޯރުކޮށްދެވޭނެކަށެވެ. އަދި ޕޮލިސް ސެޓްފިކެޓް ތައްޔާރުކޮށް ނިމުމުން އެސްއެމްއެސްގެ ޒަރީޢާއިން ޚިދުމަތަށް އެދޭފަރާތަށް އެކަން އެނގިގެންދާނެކަމަށެވެ. މީގެއިތުރުން ޕޮލިސް ސެޓްފިކެޓަށް އަލަށް ތަޢާރަފް ކުރެވުނު ބަދަލުތަކުގެ ތެރޭގައި ސެކިއުރިޓީ ފީޗަރއެއްގެ ގޮތުގައި ކިއުއާރު ކޯޑެއް ހިމެނި، މި ކޯޑް ބޭނުންކޮށްގެން ސެޓްފިކެޓްގެ ސައްޙަކަން ވަގުތުން ދެނެގަނެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ
ހަމައެއާއެކު ޕޮލިސް ސެޓްފިކެޓް އެޕްލިކޭޝަން ބަލައިގަތުމާއި ދޫކުރުން އިތުރަށް ފުޅާކުރުމުގެ ގޮތުން މިހާރު މިޚިދުމަތްދޭ މަރުކަޒުތަކުގެ އިތުރުން ގަލޮޅު ޕޮލިސް އާއި މާފަންނު ޕޮލިސްއިން ކައިރި މުސްތަޤުބަލެއްގައި މި ޚިދުމަތް ލިބިގެންދާނެކަމަށާއި އިދާރީ ގޮތުން ޕޮލިސް ސެޓްފިކެޓްގެ ޚިދުމަތަށް ގެނުވުނު ބަދަލުތަކުގެ ސަބަބުން ޕޮލިސް ސެޓްފިކެޓް ހޯދުމަށް ރައްޔިތުންނަށް ވަރަށްބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު ސެޓްފިކެޓް ތައްޔާރުކުރުމަށް ބޭނުންކުރާ ކަރުދާހާއި އެހެނިހެން ޚަރަދުތައް 60 އިންސައްތަ ކުޑަވެ، މިހާރު ޕޮލިސް ސެޓްފިކެޓް ދޫކުރުމަށް ހޭދަކުރާ ވަގުތު 50 އިންސައްތަ އަވަސްވެގެން ދާނެކަމަށާއި ކުރިއަށް އޮތްތަނުގައި މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް 24 ގަޑިއިރުގެ ތެރޭގައި ޕޮލިސް ސެޓްފިކެޓަށް އެދޭފަރާތަށް ސެޓްފިކެޓް ދޫކުރުމަކީ އަމާޒެއްކަމަށްވެސްޝަރީފް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ކުށުގެ ތަފާސް ހިސާބު ހިމަނައިގެން ތައްޔާރުކޮށްފައިވާ " ތަފާސް ހިސާބު 2019 " ފޮތް ނެރެދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް