ތެލެސީމިއާ ހުންނަ މީހުން މަރުވާ ނިސްބަތް އިތުރުވާ ސަބަބު ހޯދަން ޖެހޭ- މުއިއްޒު
ރާއްޖޭގައި ތެލެސީމިއާ ހުންނަ ކުދިން ނިޔާވަމުންދާ ނިސްބަތް ދާދި ފަހުން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާތީ ކުރީގެ ހައުސިން މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފފިއެވެ.
ތެލެސީމިއާ ހުރި އުމުރުން 18 އަހަރުގެ ޒުވާން އަންހެނަކު މިއަދު ވަނީ ނިޔާވެފައެވެ. ތެލެސީމިއާ ސެންޓަރުން ފަރުވާ ހޯދަމުން ދަނިކޮށް އެ އަންހެން މީހާ ނިޔާވެފައިވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ތެެރެއިން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. ފާއިތުވި ދެމަސް ދުވަހު ތެލެސީމިއާ ހުންނަ 9 މީހަކު ވަނީ ނިޔާވެފައެވެ. އެ މައްސަލައާ ގުޅިގެން މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެކަން ހިނގި ގޮތް ބަލައިދިނުމަށް އެ ޖައުމިއްޔާއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އެޖަމުއިއްޔާއިން ނެރުނު ސްޓޭޓްމެންޓެއްގައި ވަނީ ތެލެސީމިއާ ހުންނަ ކުދިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ ފަރުވާއާމެދު ހިތްހަމަނުޖެހޭކަން ފާހަގަކޮށްފައެވެ. އެގޮތުން، އަތޮޅު ތެރެއާ މާލެއިން ލިބޭ ފަރުވާ ތަފާތުކަންވެސް އެޖަމުއިއްޔާއިން ވަނީ ފާހަަގަކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުގެ ފަރާތުން އެކަމާ ގުޅޭ ގޮތުން މިހާތަނަށްވެސް ޖަވާބެއް ނުދެއެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ތެލެސީމިއާ ހުންނަ ފަރާތްތަށް ނިޔާވަމުންދާ ނިސްބަތް އިތުރު ވުމަކީ ވަރަށް ހިތާމަހުރި، އަދި ކަންބޮޑުވުން ހުރި ކަމެއް ކަމަށެވެ.
އަދި އެކަން އެހެން ދިމާވާން ޖެހުނު ސަބަބެއް ލަސް ނުކޮށް ދެނެގަންޖަން ޖެހޭ ކަމަށްވެސް މުއިއްޒު ވަނނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް