ނޮވެމްބަރު 3ގައި އިންޑިޔާއިން ދިން އަސްކަރީ އެހީ ދިވެހިންގެ ހިތުން ނުފޮހެވޭނެ: ޝާހިދު
1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގައި ދިވެހިރާއްޖެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއާއި ގުޅިގެން އިންޑިޔާ ސަރުކާރުން ދިން އަސްކަރީ އެހީ ދިވެހިންގެ ހިތްތަކުން ނުފޮހެވޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އާންމުކުރެއްވި ޚިތާބެއްގައެވެ.
މިނިސްޓަރ ވިދާޅުވީ މިއަދަކީ އެދުވަހު ޝަހީދުވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭފުޅުންނާއި އާންމުންގެ ހަނދާންތައް ލޯތްބާއެކު އާކުރާ ދުވަސްކަމަށާއި އެފަދަ ބަޔަކު މި ދިވެހިރާޢްޖޭގައި ލެއްވީތީ ޝުކުރުކުރާ ދުވަސްކަމަށެވެ.
ޝާހިދު ވިދާޅުވީ މިއަދަކީ ހަގީގީ ރަހްމަތްތެރިންނާއި ބައިވެރިންގެ އަގު ވަޒަންކުރާ ދުވަސްކަމަށާއި އެގޮތުން 3 ނޮވެމްބަރު 1988 ގައި އިންޑިއާ ސަރުކާރުން ވެދެއްވި އަސްކަރީ އެހީތެރިކަމަކީ އަބަދުމެ، ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާނެ ކަމެއްކަމަށެވެ. މިނިސްޓަރ ވަނީ އެކަމަށްޓަކައި ދިވެހިންގެ ހިތްތަކުގައި އޮތް ޝުކުރު ދުވަހަކުވެސް ފަނޑުވެގެންނުދާނެކަމަށް ވިދާޅުވެފައެވެ.
"އެ ދުވަހު، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތަށް ހުރި ޚާއްސަ ގޮންޖެހުންތަކެވެ. އެފަދަ ގޮންޖެހުންތަކަށް ރާއްޖެފަދަ ކުދި ޤައުމުތައް ހުށަހެޅިފައިވާ މިންވަރެވެ. މި މައްސަލައާ ގުޅޭގޮތުން ރާއްޖެއިން އދ.ގައި ވަކާލާތުކުރިއެވެ. އަދި އޭގެ ސަބަބުން ކުދި ޤައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން އެތައް ގަރާރެއް ފާސްވެގެންދިޔައެވެ. ދިވެހިރާއްޖެއިން އޭރު ކުރި މަސައްކަތުގެ ސަބަބުން، ބައިނަލްއަޤްވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި، ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެގެންދިޔައެވެ"، މިނިސްޓަރ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިއަދުގެ ދުނިޔޭގައި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބައްދަލުކޮށް، ނުރައްކާތަކުން އަރައިގަތުމަށްޓަކައި، ގައުމުގެ ފުދުންތެރިކަމާއި، ކަންކަމާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަން ވަނީ ބޮޑުވެފައިކަމަށެވެ. އަދި އެއާއެކު، ބައިނަލްއަޤްވާމީ މުޖުތަމައާއެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަންވެސް މިވަނީ ބޮޑުވެފައިކަމަށް ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް