ރާއްޖޭގެ ތަރައްގީއަށް ސިންގަޕޫރުން ދޭ އެހީތެރިކަމަށް ޝުކުރުއަދާކުރަން: ޝާހިދު
ރާއްޖޭގެ ތަރައްގީއަށް ސިންގަޕޫރުން ވެދެމުންދާ އެހީތެރިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިންގަޕޯރގެ ފޮރިން މިނިސްޓަރ ޑރ. ވިވިއަން ބާލަކްރިޝަނަން އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސިންގަޕޯރގެ ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން ކުރައްވާފައިވާ ކަންކަމާއި، އިސްކަންދެއްވާ ސިޔާސަތުތަކާއި ބެހޭ މައުލޫމާތު މިނިސްޓަރ ޝާހިދު ވަނީ މިނިސްޓަރ ބާލަކްރިޝްނަންއަށް އަރުވާފައެވެ. އަދި ދެ މިނިސްޓަރުން ވަނީ ދެޤައުމުގެ ޒަމާންވީ ގާތްގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރުކޮށް، ރާއްޖެއަށް މުހިއްމު ބައެއް ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ބާލަކްރިޝްނަންގެ ވާހަކަފުޅުގައި ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމަށް ނިންމި ނިންމުމަށް މަރުޙަބާ ދެންނެވިއެވެ. އަދި ތިމާވެށީގެ ރޮނގުން ރާއްޖެއިން އިސްނަގަމުންދާކަމަށްޓަކައި އެކަމަށްވެސް އެމަނިކުފާނު މަރުޙަބާ ދެންނެވިއެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ސިންގަޕޯރ އިން މެދުކެނޑުމެއްނެތި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް